ބާސެލޯނާ މޮޅުވެ، ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ސްޕެނިޝް ލަލީގާގައި ރޭ ދެ ލަނޑުން ފަހަތުގައި އޮތުމަށްފަހު ފަހަތުން އަރައި 3-2 އިން ވިޔަރެއާލް ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި އޮތް ލީޑު އަލުން ދަމަހައްޓައިފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ބާސެލޯނާއަށް ވަރަށް އުނދަގޫކޮށެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލްގެ ތޭޖޯން ބުޗަނަން އަދި ތާނީ އޮލުވަސޭއީ ޖެހި ލަނޑުތަކާއެކު އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ހާފުގައި ބާސެލޯނާއަށް ފަރަގު ކުޑަކުރަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ލަމީން ޔަމާލް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ނަމަވެސް، ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ވަރުގަދަކޮށް މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޖެރާޑް މާޓިން ލަނޑެއް ޖަހައި އުއްމީދު އާކޮށްދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ފާމިން ލޮޕޭޒް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. ބާސެލޯނާ މެޗުން މޮޅުވި ލަނޑަކީ ވިޔަރެއާލްގެ ޕައު ނަވާރޯ އަތުން ބައިކޮށް ވަން ލަނޑެކެވެ.
މި ނާކާމިޔާބީގެ އިތުރުން، މެޗުގެ ފަހު ވަގުތު ނަވާރޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން ވިޔަރެއާލްއަށް މެޗު ނިންމާލަން ޖެހުނީ އެކަކު މަދުކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް