އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި
ސްޕެއިންގެ ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށް ތާވަލްގެ އެންމެ ކުރީގައި ފަސްޕޮއިންޓްގެ ލީޑެއް ނަގައި ހަމަޖެހިލައިފިއެވެ.
އެތުލެޓިކޯގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފަހަތުން އަރައި ބާސެލޯނާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗް ފެށިގެން 10 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. ކައުންޓަރ އެޓޭކެއްގައި، ކަންގް-އިން ލީ އާއި ހޫލިއަން އަލްވަރޭޒް ގުޅިގެން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގިއުލިއާނޯ ސިމިއޯނީއެވެ. މި ލަނޑާއެކު މެޗުގެ ކުރީކޮޅު އެތުލެޓިކޯއަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، ބާސާއިން ވަނީ ހިތްވަރު އެލުވާނުލައި ކުޅުން ރަނގަޅުކޮށްފައެވެ.
ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒްއެވެ. ޕެޑްރީ ދިން މޮޅު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަކްއަށް ހުއްޓުވޭ ގޮތެއް ނުވިއެވެ. މި ލަނޑާއެކު ދެ ޓީމު ފުރަތަމަ ހާފު ނިންމާލީ އެއްވަރުވެގެން އޮވެއެވެ.
ދެވަނަ ހާފަށް ބާސެލޯނާއިން ނުކުތީ ބަދަލުތަކަކާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފާ، ފާމިން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ބާސާއަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ ފަހުބައިގައި ނަތީޖާ ބަދަލުކުރުމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، ބާސެލޯނާގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ވަގުތު ހަމަވިއިރު ބާސެލޯނާއިން ވަނީ ހަމަޖެހިލައިގެން ބޯޅަ ހިފަހައްޓައި، މުހިންމު ތިން ޕޮއިންޓާއެކު މެޗު ނިންމާލާފައެވެ. މި މެޗުގައި އަނިޔާއިން ރަނގަޅުވެ ގަވީ އާއި އެރިކް ގާސިއާ އަދި ކްރިސްޓެންސަން އަލުން ކުޅުމަށް އެނބުރި އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް