ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ގުޅަން ކުރޮ މަސައްކަތްތަކަށް ކިމް އެއްވެސް އިޖާބައެއް ނުދީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ރަސްމީ ފޯނު ލައިންތަކާއި އެހެނިހެން މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ޓްރަމްޕް ވަނީ ކިމްއާ ވާހަކަދެއްކުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އުތުރު ކޮރެއާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ ކިމްއަށް ސިޓީއެއް ފޮނުއްވަން ނިންމާފައެވެ. އެގޮތުން، ނިއުޔޯކްގެ މެންހަޓަންގައި ހުންނަ އދ. ގެ އުތުރު ކޮރެއާ އޮފީސް މެދުވެރިކޮށް އެ ސިޓީ ރައްދުކުރުމަށް ވައިޓް ހައުސްގެ އޮފިޝަލުން ރޭވިއެވެ.
އެ އޮފީސް ބޭރުގައި އެމެރިކާގެ އޮފިޝަލުން މަޑުކޮށްގެން ތިބެ، އުތުރު ކޮރެއާގެ ޑިޕްލޮމެޓަކު އައުމުން އެ ސިޓީ އޭނާއާ ހަވާލުކުރިއެވެ. ނަމަވެސް، ފަހުން އދ. ގެ ބައްދަލުވުމެއްގެ ތެރޭގައި، އެ ޑިޕްލޮމެޓް ވަނީ ކަނޑައިވެސް ނުލައި އޮތް އެ ސިޓީ އަނބުރާ އެމެރިކާގެ މަންދޫބެއްގެ ކުރިމަތީގައި ބާއްވާފައެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ދެ ލީޑަރުން ތިން ފަހަރެއްގެ މަތިން ބައްދަލުކުރިއެވެ. އޭގެ މައިގަނޑު ބޭނުމަކީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމަށް ބާރުއެޅުމެވެ. އެ ދުވަސްވަރު ޓްރަމްޕް ވަނީ ދެބޭފުޅުންގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ތައުރީފު ކޮށްފައެވެ. ނަމަވެސް، މިހާރު ކިމް އެފަދަ އެއްވެސް ޝައުގުވެރިކަމެއް ނުދައްކާ ކަމަށާއި، އަދި ޓްރަމްޕާ އެކު ގުޅުން އަލުން ބަދަހިކުރަން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕްގެ އޭޝިއާ ދަތުރުގެ ތެރެއިން ވެސް ބައްދަލުވުމެއް ބޭއްވުމަށް އެންމެ ފަހު ވަގުތާ ހަމައަށް މަޝްވަރާ ކުރެވުނު ނަމަވެސް، ކިމް ހުށަހެޅި ޝަރުތުތައް އެމެރިކާއަށް ގަބޫލުކުރެވޭ ގޮތެއް ނުވިއެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، ކިމްގެ ސްޓްރެޓީޖިކް ހަތިޔާރުގެ ޕްރޮގްރާމްތައް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. 2019 ވަނަ އަހަރު ދެ ލީޑަރުން ބައްދަލުކުރި ފަހުން، އުތުރު ކޮރެއާގެ ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 20-30 އިން ގާތްގަނޑަކަށް 60 އަށް ވަނީ އިތުރުވެފައެވެ. އަދި އެ ގައުމުން މިހާރު ވަނީ އެމެރިކާއާ ހަމައަށް ވާސިލުވެވޭ ފަދަ ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ވެސް އުފައްދާފައެވެ. މިއީ ދުރާލާ ތެޔޮ އަޅައިގެން ދުއްވާ އެއްގަމު އުޅަނދުފަހަރުން ފޮނުވާލެވޭ، ދެނެގަންނަން އުނދަގޫ މިސައިލްތަކެކެވެ.
މީގެ އިތުރުން، އުތުރު ކޮރެއާއިން މިހާރު ވަނީ ރަޝިއާއާ އެކު އޮންނަ ގުޅުން ވަރުގަދަކޮށްފައެވެ. ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ތާއީދުކޮށް، ހަތިޔާރާއި ރޮކެޓް ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާއިން ބުނެއެވެ. އަދި ފައިސާ ހޯދުމަށްޓަކައި ކްރިޕްޓޯކަރަންސީގެ ވައްކަންތައް ކުރަމުންދާއިރު، އެންމެ ފަހުން ބައިނޭންސް އެކްސްޗޭންޖުން 6 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ފެބުރުއަރީ މަހު ދިން ތަގުރީރެއްގައި ކިމް ބުނެފައިވަނީ، އެމެރިކާއިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ގަބޫލުކޮށްފިނަމަ ސުލްހަވެރި ގުޅުމެއް ބޭއްވިދާނެ ކަމަށާއި، އެހެން ނޫންނަމަ ދެ ގައުމުގެ މެދުގައި އޮންނާނީ "ދާއިމީ ކުރިމަތިލުމެއް" ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް