ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނި ގޮތުގައި، މުޅި ރާއްޖެއަށް މިވަގުތު ދުންފުހުގެ އަސަރު ކުރަމުންދާއިރު، އެންމެ ބޮޑަށް އަސަރު ފޯރާފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އެ ސަރަހައްދުތަކުގައި ދުންފުހުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަނީ އެންމެ 2 ކިލޯމީޓަރަށް ދަށްވެފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ބެލެވޭތީ، ބޭރުތެރޭގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއް ކަމަށްވާ އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގެ ވައިގެ ރޭޓިން ހުރީ 170 ގައެވެ.
ދުނިޔޭގެ ވައިގެ ފެންވަރު ބަލާ ޔޫއެސް އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިންގަނޑަށް ބަލާއިރު، އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަނަމަ އެއީ އާންމު ސިއްހަތަށް ގެއްލުންހުރި ދަރަޖައެކެވެ.
މީގެ އިތުރުން 101 އާއި 150 އާ ދެމެދުގެ މިންވަރަކީ ސިއްހީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ނުރައްކާ އޮތް މިންވަރެކެވެ. އަދި އިންޑެކްސް 51 އާއި 100 އާ ދެމެދުގައި ހުންނަ ހާލަތްތަކަކީ އާންމުކޮށް ވައިގެ ފެންވަރު އެކަށީގެންވާ ރަނގަޅު މިންވަރެއް ކަމުގައި ބެލެވުނު ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ނާޒުކު މީހުންނަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮވެއެވެ.
ވައި ތަގައްޔަރުވުމަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ނުރައްކާ އޮތް ކަމަކަށްވާއިރު، ދިގުމުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް މިކަމުގެ ނޭދެވޭ އަސަރު މާ ބޮޑަށް ފޯރާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. މިގޮތުން ނޭވާލާ ނިޒާމާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި، ހިތުގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން އެލާޖީގެ އުނދަގޫތައް ހުންނަ ފަރާތްތަކުން، ވައި ނުސާފުވާ ދުވަސްވަރު ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އަޅައިގެން އުޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު އަރުވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް