މަގުބައްތި ނަގަނީ
މަގުބައްތި ނަގަނީ
ދުނިޔެ 23 Nov 2026 | 11:40

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޕީޕްލޫ ޕަންޗާޔަތު ސަމިތީގެ 4 ވަނަ ވޯޑުން ބީޖޭޕީގެ ކެންޑިޑޭޓް ޕްރިޔަންކާ ޝަރުމާ ބަލިވުމާ ގުޅިގެންނެވެ. ޕްރިޔަންކާއަކީ ނިވާއީ ދާއިރާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު (އެމްއެލްއޭ) ރާމް ސަހާޔާ ވަރްމާގެ އެހީތެރިޔާ އަލޯކް ޝަރުމާގެ އަނބިކަނބަލުންނެވެ. އިންތިޚާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކުމްހާރޯން ކީ ދާނީ، ބޭގަމްޕޫރާ، ހަނީފްގަންޖް އަދި ބިޖަލްޕޫރާ އަވަށްތަކުގެ ހޮޅިދަނޑިތަކުގައި ގާތްގަނޑަކަށް 50 އެލްއީޑީ މަގުބައްތި ހަރުކޮށްފައިވަނީ އަލޯކް ޝަރުމާގެ އިސްނެގުމަށް ކަމަށް ރައްޔިތުން ބުނެއެވެ.

ނަމަވެސް، އިންތިޚާބުގެ ނަތީޖާ އިޢުލާނުކޮށް ޕްރިޔަންކާ ނާކާމިޔާބުވުމާ އެކު، މި ބައްތިތައް ނަގަން ފެށުމުން ރައްޔިތުން ތުހުމަތުކުރަނީ މިއީ ވޯޓު ނުދިނުމުން ހިފި ސިޔާސީ ބަދަލެއް ކަމަށެވެ.

މި ބައްތިތައް ނެގުމަށް ޖައިޕޫރު ވިދުޔުތު ވިތުރަން ނިގާމް ލިމިޓެޑް (ޖޭވީވީއެންއެލް) ގެ ޓީމަކުން އެ ސަރަޙައްދަށް ދިޔުމުން ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށްފައެވެ. ރައްޔިތުންގެ ނުރުހުމާ އެކުވެސް ޓީމުން ވަނީ ކުމްހާރޯން ކީ ދާނީ އަވަށުގެ 10 ހޮޅިދަނޑިއަކުން ބައްތިތައް ނަގާފައެވެ. ބާކީ ހުރި 40 ހޮޅިދަނޑީގެ ބައްތިތައް ނެގުން ހުއްޓާލީ، އަލަށް އިންތިޚާބުވި ވިލެޖް ސަރުޕަންޗުން އެ ބައްތިތަކުގެ ކަރަންޓު ބިލު ދެއްކުމަށް އެއްބަސްވުމުންނެވެ.

މިކަމާ ގުޅޭގޮތުން ޖޭވީވީއެންއެލްގެ އެގްޒެކެޓިވް އިންޖިނިއަރ ޑީ.އާރް މީނާ ވިދާޅުވީ، ކަރަންޓުގެ މައްސަލައެއް ބަލަން ދިޔަ ޓީމަކަށް އެ ހޮޅިދަނޑިތަކުގައި ބައްތި ހަރުކޮށްފައިވަނީ ހުއްދައެއް ނެތި ޣައިރުގާނޫނީ ގޮތުން ކަރަންޓު ގުޅައިގެންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ބައްތިތައް ނަގަން ފެށީ އެ ސަބަބާ ހުރެ ކަމަށާއި، މިކަން ހިނގައިދިޔަ ގޮތް ބެލުމަށް ޚާއްޞަ ތަޙުޤީޤެއް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެލްއޭ ރާމްސަހާޔާ ވަރްމާ ވަނީ މިއީ ސިޔާސީ ބަދަލުހިފުމެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ބައްތިތަކަކީ ދިވާލީއާ ދިމާކޮށް ކެންޑިޑޭޓުން ހަރުކުރި ބައްތިތަކެއް ކަމަށާއި، ކަރަންޓު ބިލުގެ މައްސަލަ ފެންމަތިވުމުން ކަރަންޓު ބޯޑުން ފިޔަވަޅު އެޅީ ކަމަށެވެ.

މި މައްސަލަ ދޮގުކުރި ނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް ފަހު ވަގުތުން ބައްތިތައް ނަގަން ފެށި ވަގުތާ މެދު ސުވާލު އުފައްދައި، އަވަށުގެ ރައްޔިތުންގެ މެދުގައި އަދިވެސް ދަނީ މިކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް