ޖެންސެން ހުއަންގް.. ފޮޓޯ: ރޮއިޓާސް
ޖެންސެން ހުއަންގް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 23 Nov 2026 | 20:07

އެންވީޑިއާގެ ސީއީއޯގެ މަގާމަށް ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފި

ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި އެންވީޑިއާގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، އެ ކުންފުނީގެ ބާނީ ޖެންސެން ހުއަންގް އަލުން އައްޔަނުކޮށްފިކަން އެ ކުންފުނިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން މި ނިންމުން ނިންމާފައިވަނީ، ޖެންސެން ހުއަންގްއާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަކަށް ފަހު، އޭނާގެ މަސައްކަތުގެ ތެދުވެރިކަމާއި ކުންފުނި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކަމަށް ބޯޑުގެ ހުރިހާ މެންބަރުންނަށް ގަބޫލުކުރެވުމުންނެވެ. މީގެ އިތުރުން، އެމެރިކާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، ޖެންސެން އަލުން މަގާމާ ހަވާލުވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫންކަމުގެ ޔަގީންކަން ބޯޑަށް ވަނީ ލިބިފައެވެ.

މި ނިންމުމާ ގުޅޭގޮތުން ބޯޑުގެ މުގައްރިރު ހާވީ ސީ. ޖޯންސް ވިދާޅުވީ، ޖެންސެންއަކީ އެންވީޑިއާގެ މުވައްޒަފުންނާއި، ހިއްސާދާރުން އަދި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކޮށް، ކުންފުނި އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ފަރާތް ކަމަށެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ވަގުތީ ގޮތުން ސީއީއޯގެ މަގާމު ފުރުއްވި ކޮލެޓް ކްރެސް ކޮށްދެއްވި މަސައްކަތްތަކަށް ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޮލެޓް ދެންވެސް ދެމިހުންނަވާނީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައެވެ.

މަގާމުން ވަކިވިތާ 11 ދުވަހަށްފަހު އަލުން މަގާމުގެ މައްސޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށްފަހު ޖެންސެން ހުއަންގް ވިދާޅުވީ، އާ ސިނާއީ އިންގިލާބެއްގެ ފެށުމުގައި އޮތް މިފަދަ ބޮޑު ކުންފުންޏެއްގެ ޒިންމާ އަލުން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ފުރުސަތު ދެއްވި ކަމަށްޓަކައި ބޯޑަށާއި، ކުންފުނީގެ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖެންސެން ހުއަންގްއާ ގުޅޭގޮތުން ބޭރުގެ ޖާސޫސީ އިދާރާތަކަކުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ބޯޑުގެ މިނިވަން މެންބަރުން ހިމެނޭ ކޮމިޓީއަކުން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. ޖެންސެން ވަނީ މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ގައުމީ ސަލާމަތާއި ވިޔަފާރީގެ ގަވާއިދުތައް ބަލަހައްޓާނެ ހާއްސަ ކޮމިޓީއެއް އެންވީޑިއާއިން ވަނީ އަލަށް އުފައްދާފައެވެ. އަދި ކުންފުނީގެ ހުރިހާ ދާއިރާއެއްގައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ސީދާ ބޯޑަށް ރިޕޯޓުކުރާނެ "ޗީފް ކޮމްޕްލަޔަންސް އޮފިސަރު" އެއް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.

ޖެންސެން ހުއާންގް، މަގާމުން އިސްތިއުފާދެއްވީ ފެންމަތިވި އަޚުލާޤީ މައްސަލަތަކަކާ ގުޅިގެންނެވެ. އެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޭނާއަށް އޮތް ތާއީދާއި މަޤްބޫލުކަމަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.