ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ އުމުރުން 40 އަހަރުގެ ވަކީލު ޕޯލް ޕައުލްސްލޭންޑް އިސްވެ ހުރެ، "ރިވަރ ރޯޑިންގ ޓްރަސްޓް" އަދި ވޮލަންޓިއަރުންނާ ގުޅިގެން މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު ވަނީ ބާކިންގް ސަރަޙައްދުގައި އޮންނަ ރިވަރ ރޯޑިންގްގެ ކޯރުގެ ބައެއް ކަމަށްވާ "އަލްޑަރސް ބްރޫކް" ސާފުކުރުމުގެ 10 ދުވަހުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތުގައި ކުނިބުންޏާއި، ޗަކަ އަދި ގަސްގަހާގެހިން ބެދިފައިވާ 250 މީޓަރުގެ ސަރަޙައްދަކުން 200 ކޮތަޅުގެ ކުނި ވަނީ ނަގާ ސާފުކޮށްފައެވެ.
މި ސާފުކުރުމުގެ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ސަރަޙައްދު ސާފުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތަނަށް މަހާއި، ފަނިފަކުސަ އަދި ދޫނިސޫފާސޫފި އަލުން ރުޖޫޢަވާން ފެށިކަން އެ ސަރަޙައްދުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ޕައުލްސްލޭންޑް ބުނި ގޮތުގައި، އެ ކޯރު ތަޣައްޔަރުވެ ކުނި އެޅުމުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އޭނާ އެތައް އަހަރެއް ވަންދެން އިނގިރޭސިވިލާތުގެ އެންވަޔަރަންމަންޓް އެޖެންސީ (އީއޭ) ގައި އެދުނު ނަމަވެސް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އަމިއްލައަށް އިސްނަގައިގެން އެ މަސައްކަތް ކުރަން މަޖުބޫރުވީއެވެ.
ނަމަވެސް، ސާފުކުރުމުގެ މަސައްކަތް ނިމުނުތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންވަޔަރަންމަންޓް އެޖެންސީގެ އިންވެސްޓިގޭޓަރުން އެ ސަރަޙައްދަށް ޒިޔާރަތްކޮށް، ހުއްދައަކާ ނުލައި މަސައްކަތް ކުރުމުގެ ސަބަބުން ގާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ ޕައުލްސްލޭންޑަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ އެޖެންސީން ބުނެފައިވަނީ ހުއްދަނެތި ކޯރުގެ އަޑިން ވެލި/ޗަކަ ނެގުމަކީ ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށާއި، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މިފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
މިކަމާ ގުޅިގެން ޕައުލްސްލޭންޑް ބުނީ، އެ ކޯރަށް ނަޖިސް އަޅަމުންދާ ކުންފުނިތަކާއި، ކޯރުގެ އައްސޭރިއަށް އެތައް ހާސް ޓަނުގެ ކުނި އަޅަމުންދާ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅައި، އެޖެންސީން ފިޔަވަޅު އަޅަން މަސައްކަތްކުރަނީ ހެޔޮ ހިތުން ކޯރު ސާފުކޮށްދިން ވޮލަންޓިއަރުންނާ ދެކޮޅަށް ކަމަށެވެ. އަދި އޭނާ ކޮށްދިން މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށާއި، އެޖެންސީން އިސްކަންދެނީ އަސްލު މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފަސޭހައިން އަތުލައިގަނެވޭނެ އަމާޒުތަކަށް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަނެޓާއި ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އަދި ބޮޑެތި ކުންފުނިތަކުން ތިމާވެށި ހަލާކުކުރަމުންދާއިރު ފިޔަވަޅު ނާޅައި، އަމިއްލަ ޚަރަދުގައި ތިމާވެށި ސާފުކުރި އާންމު ރައްޔިތުންނަށް އަދަބުދޭން އުޅޭތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް