ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.
މި ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި މަންދޫބުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، ކޮޕް31 އެއްވެސް އިއްތިފާގުވުމަކާ ނުލައި ނިމިގެން ދިއުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.
މި ސަމިޓް ނާކާމިޔާބުވާން ދިމާވި މައިގަނޑު ސަބަބަކީ ބިމުއަޑިން ނަގާ ތެލާއި ގޭސް ފަދަ "ފޮސިލް ފިއުލް" ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި އުފެދުނު ބޮޑު ހިޔާލުތަފާތުވުންތަކެވެ. މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވި ކްރިސް ބޯވަން ވިދާޅުވީ، ސާފު ހަކަތައާ ގުޅޭ ރަނގަޅު ކަންކަން މި ސަމިޓުގައި ހިނގި ނަމަވެސް، މައިގަނޑު އެއްބަސްވުމަކަށް ނާދެވުނީ ފޮސިލް ފިއުލްގެ ވާހަކަ އެއްބަސްވުމުގައި ހިމެނުމަށް ބައެއް ގައުމުތަކުން ބާރުއަޅައި، އަނެއްބައި ގައުމުތަކުން އެކަމަށް ވީޓޯކުރާނެ ކަމަށް ބުނުމުން ކަމަށެވެ.
ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވިދާޅުވީ އޭނާއަށް ކުރެއްވުނު ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި، ވަކި ލަފުޒަކާ ހެދި މުޅި ނަތީޖާ ގެއްލުވާލައި ދުނިޔޭގެ ރައްޔިތުންގެ އުންމީދުތައް ވިއްސިވިއްހާލި ކޮށްނުލެވޭނެ ކަމަށެވެ. އަދި ދެން އާ ޑްރާފްޓެއް ނުގެންނަވާނެ ކަމަށާއި އަމަލުކުރާނީ ކުރީގެ ނިންމުންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އިނގިރޭސިވިލާތުން ބުނެފައިވަނީ މޫސުމީ ކާރިސާގެ މައިގަނޑު ސަބަބު ކަމަށްވާ ފޮސިލް ފިއުލްގެ ވާހަކަ ނެތް އެއްބަސްވުމެއް ބަލައިނުގަނެވޭނެ ކަމަށާއި، މިއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން ނޯވޭއިން ވެސް ވަނީ ހުށަހެޅުނު ނިންމުންތަކާ ދެކޮޅު ހަދާފައެވެ.
ނަމަވެސް، ރަޝިޔާ އަދި ސައުދީ އަރަބިއްޔާއިން ވަކާލާތުކުރީ ތެލާއި ގޭސް ކުއްލިއަކަށް ހުއްޓާލުމަކީ ހަކަތައިގެ އަގު އުފުލި، އެންމެ ފަގީރު ގައުމުތަކަށް އޭގެ ދަތިކަން ފޯރާނެ ކަމެއް ކަމަށާއި ހުރިހާ ހައްލުތަކަކަށް ވެސް ޖާގަ އޮންނަންޖެހޭނެ ކަމަށެވެ.
މި ނަތީޖާއާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކާއި ނާޒުކު ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މާޝަލް އައިލެންޑްސް އަދި ވަނުއާޓޫ ފަދަ ގައުމުތަކުން ބުނީ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ބާރެއް ނެތް އަދި ފޮސިލް ފިއުލްގެ މަސްލަހަތު ހިމާޔަތްކުރާ އެއްބަސްވުމަކަށް އެ ގައުމުތަކުގެ މުސްތަގުބަލު ގުރުބާން ނުކުރެވޭނެ ކަމަށެވެ.
ކެންޔާ އާއި ފިލިޕީންސް އަދި ބްރެޒިލް ފަދަ ގައުމުތަކުން ފާހަގަކުރި ގޮތުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ގެއްލުންތަކަށް ބަދަލު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަމިޓް ވަނީ ނާކާމިޔާބުވެފައެވެ. އަދި އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ގައުމުތަކުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް އެ ގައުމުތަކުން ގޮވާލިއެވެ.
ޗައިނާއިން މި ނިންމުމާމެދު ނުރުހުން ފާޅުކުރި ނަމަވެސް، މިއީ މަލްޓިލޭޓަރަލް ނިޒާމުގެ ނާކާމިޔާބީއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، އެއްބަސްވުމަކަށް އައުމަށް މި ނިޒާމު އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް