ފްލައިޓުގައި ސީޓު ބަދަލުކުރަން ދެކޮޅުހެދުމުން، އަންހެނަކު 3 ގަޑިއިރު ވަންދެން ހުއްޓުމެއްނެތި ރޮއިފި
10 ގަޑިއިރުގެ ދިގު ފްލައިޓެއްގައި، އެހެން ފަސިންޖަރަކާ ސީޓު ބަދަލުކުރަން އެމެރިކާގެ ޓްރެވަލް ބްލޮގަރަކު ދެކޮޅުހެދުމުން، އެ އަންހެން ފަސިންޖަރު ތިން ގަޑިއިރު ވަންދެން ރުއި މައްސަލައެއް ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލުން ފުރައިގެން އެމެރިކާގެ ވޮޝިންގޓަން ޑީސީއަށް ދަތުރުކުރި ފްލައިޓެއްގައެވެ. މި ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކުރީ އެމެރިކާގެ ޓްރެވަލް ބްލޮގަރެއް ކަމަށްވާ ޓޮމީކޯ ހާވީއެވެ. އޭނާ ކިޔައިދިން ގޮތުގައި، އޭނާ އެނބުރި ޤައުމަށް ދަތުރުކުރަމުން ދިޔައީ ބައްޕަ ނިޔާވުމާ ގުޅިގެން ކަޒަކިސްތާނަށް ކުރި ދަތުރަކަށް ފަހުގައެވެ.
ހާވީ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ، އޭނާ އިށީނދެގެން އިން ސީޓާ ޖެހިގެން ހުރި ސީޓުގައި އިން އަންހެނަކު ވަރަށް ބޮޑަށް ހިތާމަކޮށް ރޯ މަންޒަރެވެ. ހާވީ ބުނި ގޮތުގައި އެ އަންހެން މީހާ އެދުނީ، އޭނާގެ ފިރިމީހާ ކައިރިއަށް ދިއުމަށްޓަކައި ހާވީގެ ސީޓު ދިނުމަށެވެ. ނަމަވެސް، ހާވީ ވަނީ ސީޓު ބަދަލުކުރަން ދެކޮޅުހަދައިފައެވެ.
އެއާއެކު އެ އަންހެން މީހާ ރޯން ފަށާފައިވާއިރު، އޭނާ ހުއްޓުމެއްނެތި ތިން ގަޑިއިރު ވަންދެން ރުއިމުން، އެއްވެސް މީހަކު މަރުވީތޯ ހާވީ ސުވާލުކުރިއެވެ. ޖަވާބުގައި އެ އަންހެން މީހާ ބުނީ އެއްވެސް މީހަކު މަރުނުވާ ކަމަށާއި، އޭނާ ރޮނީ ފިރިމީހާ މަތިން ހަނދާންވާތީ އަދި ބޯއަޅާލާނެ ކޮނޑެއް ނެތުމުން ކަމަށެވެ. ހާވީ ފާހަގަކުރި ގޮތުގައި، އެ އަންހެން މީހާގެ ފިރިމީހާ، ދަތުރުގެ ބޮޑުބައި ހޭދަކުރީ ހެޑްފޯން އަޅައިގެން ނިދާފައެވެ.
މިކަމާ ގުޅިގެން ހާވީ ވަނީ ދިގު ދަތުރުތަކުގައި، ދުރާލާ ފައިސާ ދައްކައިގެން ނަގާ ސީޓުތައް ދޫކޮށްލަން ނުދަންނަ މީހުން އުންމީދު ކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. އަދި އެކުގައި އިށީންނަން ބޭނުންނަމަ ޓިކެޓް ނަގާއިރު އެކުގައި ނެގުމަށް ނުވަތަ ސީޓު އިޚްތިޔާރު ކުރުމަށް އިތުރު ފައިސާ ދެއްކުމަށް އޭނާ އެދުނެވެ.
މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހާވީގެ ނިންމުމަށް ތާއީދުކޮށްފައެވެ. މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ، އަމިއްލައަށް ފައިސާ ދައްކައިގެން ހޯދާ އަރާމު ސީޓު، މެދު ސީޓަކަށް ބަދަލުކުރަން އެއްވެސް މީހަކު އެއްބަސްވާން ނުޖެހޭނެ ކަމަށެވެ. އަދި ފިރިމީހާއާ ނުލައި 10 ގަޑިއިރު ދަތުރުނުކުރެވޭނަމަ، ފައިސާ ދައްކައިގެން ދުރާލާ އެކުގައި ސީޓު ރިޒާވް ނުކުރީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް