ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ
އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފިނަމަ، އެ މީހުން ފާސްކުރާ ބިލްތައް ހުއްޓުވުމަށް ރައީސްގެ "ވީޓޯ" ގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓްގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ގެއްލިއްޖެނަމަ، އޭނާގެ ސްޓްރެޓެޖީއަކަށް ވާނީ އެއްވެސް ބިލެއް ފާސްވިޔަ ނުދީ ވީޓޯ ކުރުން ކަމަށެވެ. އަދި މަސް ދެމަހެއްހާ ދުވަހު ހުރިހާ ބިލެއް ވީޓޯ ކުރުމަށްފަހު، އެންމެ ފަހުން ޑިމޮކްރެޓުންނާއެކު އެއްބަސްވުންތަކަކަށް (ޑީލްތަކަކަށް) އާދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ޓްރަމްޕް މިހެން ބުނެފައި މިވަނީ، ކުރިއަށް އޮތް އިންތިޚާބުގައި ޑިމޮކްރެޓުން ހައުސް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވިފައިވާ ދަނޑިވަޅެއްގައެވެ. ދަ ހިލް އާއި ޑެސިޝަން ޑެސްކް އެޗްކިއު ގުޅިގެން ހެދި ޕްރެޑިކްޝަންތަކުން ދައްކާ ގޮތުގައި، ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުން ހޯދުމުގެ 83 އިންސައްތަ ފުރުސަތު އެބައޮތެވެ. އަދި ރިޕަބްލިކަނުންނަށް އޮތީ އެންމެ 17 އިންސައްތައިގެ ފުރުސަތެކެވެ. މީގެއިތުރުން ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރެޓުން އަލުން ހޯދުމުގެ 63 އިންސައްތަ ފުރުސަތު އޮތްއިރު، ރިޕަބްލިކަނުންނަށް އޮތީ 37 އިންސައްތައިގެ ފުރުސަތެކެވެ.
ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު ކޮންގްރެސްގެ ދެ ގެވެސް ކޮންޓްރޯލް ކުރީ ރިޕަބްލިކަނުންނެވެ. ނަމަވެސް، 2019 ވަނަ އަހަރު ހައުސްގެ މެޖޯރިޓީ ރިޕަބްލިކަނުންނަށް ގެއްލުމާ ގުޅިގެން ޓްރަމްޕް ވަނީ މުހިންމު ބައެއް ބިލްތައް ވީޓޯ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އޭގެ ތެރޭގައި މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަށް ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން ހުއްޓުވުމަށް ސެނެޓުން ފާސްކުރި ގަރާރު ހިމެނެއެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާއަށް އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިވުން ހުއްޓުވުމަށާއި، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ބާރު ހަނިކުރުމަށް ކޮންގްރެސްއިން ފާސްކުރި ހަނގުރާމައިގެ ބާރުތަކާ ގުޅޭ ގަރާރުތައްވެސް ޓްރަމްޕް ވަނީ ވީޓޯ ކޮށްފައެވެ.
ރައީސް ވީޓޯ ކުރާ ބިލްތައް ބާތިލުކޮށް އަލުން ފާސްކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދުމުގައި ޑިމޮކްރެޓުންނަށް އަބަދުވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް މިފަދަ ބިލްތައް ވީޓޯ ކުރަނީ އޭނާގެ ސިޔާސީ ވާދަވެރިންނަށް އަދަބުދީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ގޮތުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް