މޯލްޑިވްސް ގޭސް؛ ފޮޓޯ / މޯލްޑިވްސް ގޭސް
މޯލްޑިވްސް ގޭސް؛ ފޮޓޯ / މޯލްޑިވްސް ގޭސް
ވިޔަފާރި 04 Nov 2026 | 10:59

މޯލްޑިވް ގޭހުން ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މޯލްޑިވްސް ގޭހުން ގޭސް އަޅައިދޭ މިންވަރުތަކަށް ވަގުތީ ބަދަލުތަކެއް މިއަދު ގެނެސްފިއެވެ.

އެގޮތުން ގެނައި މި ބަދަލާއެކު ގޭސް އަޅައި ދިނުމަށް ހަމަޖެހިފައިވަނީ، 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސްކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. އެކުންފުނިން ބުނީ، މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ގޭސް އެޅައިދޭ މިންވަރަށް ބަދަލުތަކެއް ގެނައި ނަމަވެސް، ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބިނާކޮށް، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުންނެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލިފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭސް ދައުރުކުރާ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ދަނީ ބޮޑެތި އަސްކަރީ ހުރަސްތަކާއި ކުރިމަތިލަމުންނެވެ. މިކަމުގެ ސަބަބުން، ގޭހުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަނީ އުފުލެމުންކަން ފާހަގަކޮށްލެވެއެވެ.

މެދުއިރުމަތީގެ މަޝްރަހް ހުރިގޮތުން މިފަހުން އަވއްޓެރި ލަންކާ އަދި ޕާކިސްތާނުގައިވެސް ވަނީ ގޭހާއި ތެލުގެ އަގުތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން އެ ޤައުމުތަކުގައި ރާއްޖެއަށްވުރެ އަވަހަށް އަގުތައް ބޮޑުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ސަރުކާރުން ދަނީ މިހާރުވެސް ކުރަމުންނެވެ. އެގޮތުން، މި މަޝްރޫއު ނިމުމުން، 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް