އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު އިބްރާހިމް އަހްމަދު (ޖެލީ އިއްބެ) ގެ މައްޗަށް ކަށުނަމާދު ކުރުމުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އޯގަސްޓް މަހުގެ ފަސްވަނަ ދުވަހު އިއްބެ ގެއްލުނީ ހުވަދޫ ކަނޑަށް އަޑިއަށް ގޮސް ބަންޑުން ޖަހާލި ސަޕްލައި ދޯނި ހާދިސާއާ ގުޅިގެން ދޯންޏާއި މުދާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަކު ވެސް ގެއްލުނެވެ.
ގދ. ތިނަދޫ، އޯޝަންމީޑްއާގެ އުމުރުން 39 އަހަރުގެ އިބްރާހިމް އަހްމަދު ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އެވެ. ނަމަވެސް ނުފެނުނެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.
ގެއްލޭ މީހުންނާއި ވީނުވޭއެއް ނޭންގިފައިވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރަނީ އެ މީހަކު މަރުވެއްޖެ ކަމަށް ކަނޑައަޅަން އާއިލާ އިން ކޯޓަށް ދިއުމުން ކޯޓުން އެގޮތަށް ކަނޑައެޅުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް