އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް
މިދިޔަ އޮކްޓޫބަރު މަހު ސޯޝަލް މިނިސްޓްރީގެ ހޮޓްލައިންތަކަށް 2،324 ކޯލް ލިބިފައިވާ ކަމަށް އެ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިލްޑް ހެލްޕްލައިން ކަމަށްވާ "1412" އަށް 1،775 ކޯލް ލިބިފައިވެއެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން ކަމަށްވާ "1421" އަށް 549 ކޯލް ލިބިފައިވެއެވެ. އެގޮތުން، އެންމެ ގިނައިން ކޯލްތައް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިނަށެވެ.
1412 އަށް ގުޅި ފަރާތްތަކުގެ ތެރެއިން އެ ނަންބަރަށް އެންމެ ގިނައިން ގުޅާފައިވަނީ 796 ކޯލްއާއެކު ފިރިހެން ފަރާތްތަކެވެ. ދެން އެ ހޮޓްލައިނަށް ގުޅާފައިވަނީ، 669 އަންހެން ފަރާތްތަކާއި ކާކުކަން ހާމަކޮށްފައިނުވާ 310 ފަރާތެކެެވެ. 1421 ގުޅި ފަރާތްތަކުގެ ތެރެއިން އެ ނަންބަރަށް އެންމެ ގިނައިން ގުޅާފައިވަނީ، 1412 އާ ހިލާފަށް 314 ކޯލްއާއެކު އަންހެން ފަރާތްތަކެވެ. އަދި ދެން އެ ހޮޓްލައިނަށް ގުޅާފައިވަނީ، 131 ފިރިހެން ފަރާތްތަކާއި ކާކުކަން ހާމަކޮށްފައިނުވާ 104 ފަރާތެކެވެ.
ހެލްޕްލައިންތަކަށް އެންމެ ގިނައިން ގުޅާފައިވަނީ 18 އަހަރުން މަތީގެ ފަރާތްތަކެވެ. މިދިޔަ އޮކްޓޫބަރު 1412 އަށާއި 1421 އަށް 18 އަހަރުން މަތީގެ 1،364 ފަރާތެއް ގުޅާފައިވާއިރު، އޭގެ ތެރެއިން އެ ހޮޓްލައިނަށް ގުޅާފައިވާ ކުޑަކުދިންގެ އަދަދަކީ 101 އެވެ.
ސިއްހީ ވުޒާރާއިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނަފްސާނީ އެހީތެރިކަމަށް ހާއްސަ ޤައުމީ ހެލްޕްލައިން "1677" މެދުވެރިކޮށް 2024 ވަނަ އަހަރުން ފެށިގެން 23،000 އަށްވުރެ ގިނަ ކޯލްތައް ވަނީ ލިބިފައެވެ. އަދި ހަމައެއާއެކު، މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހާއްސަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް