އޮފީހަކުން ވަގަށް ނެގި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި، ތުހުމަތުކުރެވޭ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި
މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، 8800 އަށްވުރެ ގިނަ ޑޮލަރު ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހު ކަމަށާ، އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ، އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ހުށަހަޅާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށާ މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެފައިވާ ކަމަށެވެ.
އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށާ، އެ ބަލައިފާސްކުރުުމުގެ ތެރެއިން 1,093,122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުން، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1,252,505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޙުސައިން ޞަބާޙް (42އ) 30 ދުވަހަށް އަދި ޢާއިޝަތު ނަޝާޔާ (32އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް