ފަނޑިޔާރު އަލީ ރަޝީދަށް ޝަރަފުވެރިކަމާއެކު ވަކިވުމުގެ ފުރުސަތުދޭން ޖޭއެސްސީން ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންނަށް ޝަރަފުވެރިކަމާއެކު ރިޓަޔާވުމުގެ ފުރުސަތު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
އެކަން ހާމަކޮށް ޖޭއެސްސީން މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ކޮމިޝަނުން ބުނީ ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެ ކޮމިޝަނުން ބުނީ އޮކްޓޯބަރު 28 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދޭން އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމުގެ މަސައްކަތުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ ބައްލަވައި، ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އަލީ ރަޝީދު އިންނަވަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް