މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން
މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ”ކިޔަވާ ކުއްޖެއް“ ކަމަށް ވުމުން ދޫކޮށްލަން އެދިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދު އިތުރުކޮށްފައިވަނީ ގއ. ދާންދޫ، 18އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޤާޟީ އިބްރާހީމް އިޙްސާން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒުވާނާ އިތުރު ބަޔަކާ ގުޅިގެން މަޖީދީމަގުގައި އެކަކު އަނެކަކުގެ ގަޔަށް އަތްލައި ތަޅައި މާރާމާރީ ހިންގާފައިވާކަން ފުލުހުން ހުށަހެޅި ހެކިތަކުން އެނގެން އޮވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ފުލުހުންގެ ބަޔާން، ސީސީޓީވީ ފުޓޭޖް އަދި ވީޑިއޯގެ ސްނެޕްޝޮޓްތައް ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ. މީގެއިތުރުން، މި މާރާމާރީ ހިންގުމުގައި ބައިވެރިވި އިތުރު ދެ މީހަކު ފުލުހުންނަށް ފިލައިގެން ގޮސްފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ބަންދު މަޖިލީހުގައި ދިފާޢުން ބުނެފައިވަނީ، ޒުވާނާއަކީ ”ކިޔަވާ ކުއްޖެއް“ ކަމަށާއި، އޭނާގެ މައްޗަށް ކުރެވެނީ ކުޑަ ތުހުމަތުތަކެއް ކަމަށްވާތީ ބަންދުން ދޫކޮށްލުމަށެވެ.
ނަމަވެސް، ކޯޓުން ނިންމީ މި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، މިވަގުތު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތް ކަމަށެވެ.
އެހެންކަމުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް