ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު
ޑޮލަރު ރޭޓާއި ގުޅިގެން އެމަނިކުފާނަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށާ، ރަސްމީ ރޭޓްގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ ނިސްބަތް 80% އިތުރު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ވަޒީރު ސަޢީދުގެ އިތުބާރުނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ގެންދިޔުމެވެ. އެ މައްސަލާގައި ވަނީ ރާއްޖެއަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ރޭޓް މަތިވެ، ތަކެތީގެ އަގުތައްވެސް އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ.
އެއަށް ރައްދު ދެއްވައި ސަޢީދު ވިދާޅުވީ، ބީއެމްއެލް އިން ވިޔަފާރިތަކަށް ޓީޓީ ހަދައިދިނުމަށާ، ތައުލީމީ ދާއިރާށާ، ސިއްޙީ ދާއިރާއާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ އިތުރުން އީކޮމާސް މުޢާމަލާތްތަކަށްވެސް ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރާ ކަމަށެވެ.
އެގޮތުން ނިމިދިޔަ ރައީސް އިބްރާހީމް ޞާލިހުގެ ވެރިކަމުގެ ފަހު ތިން އަހަރުގައި އެކަންކަމަށް 1.75މިލިއަން އެމެރިކާ ޑޮލަރު ދޫކޮަށްފައިވާ ކަމަށެވެ.
2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1.9 ބިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދީފައި އެބައޮތް. މީގެ މާނައަކީ 80%ގެ އިތުރުވުމެއް މިއޮތީ އައިއްސަ. ގާތްގަނޑަކަށް 100% ގެ ޑަބަލް ވުމެއް މިއޮތީ އައިއްސަ. އެހެންވީމާ ކޮންބަޔަކަށްތޯ ރަސްމީ ރޭޓްގައި ގިނައިން ޑޮލަރު ދޫކުރެވުނީ؟ 100% ގެ ގާތްގަނޑަކަށް ކުރިއަރާފައި މިއޮތީ. އެހެންވީމާ (މައްސަލާގައި ވަނީ) ހަގީގަތާ ޚިލާފް ވާހަކައެއްް.
ސަޢީދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާ، އެގޮތުން ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރާގޮތް ހަދާފައިވާ ކަމަށާ، މިއީ މީގެ ކުރިންގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ.
އަދި އެ ލިބޭ އިތުރު ފައިސާ ހޭދަކުރަމުންދަނީ ރައްޔިތުންގެ ކަންކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް