ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
ދުނިޔޭގެ މަޝްހޫރު 'ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްސް 2027' ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ހިމެނިއްޖެއެވެ. މިއީ އެ ޔުނިވަރސިޓީގެ ތާރީޚުގައި ވެސް އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ބޮޑު ކުރިއެރުމެކެވެ.
މި ކާމިޔާބީއާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިލްމީ މުޖުތަމަޢުގައި އެމް.އެން.ޔޫގެ މަޤްބޫލުކަން އިތުރުވެ، މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށާއި އޭގެ ނަތީޖާ ހަރުދަނާކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަނީ ވަޒަންކުރެވިފައެވެ.
ފަހުގެ ރޭންކިންގްސް ދައްކާގޮތުން، އެމް.އެން.ޔޫ ހިމެނިފައިވަނީ މުޅި އޭޝިއާގެ ޔުނިވަރސިޓީތަކުގެ ތެރެއިން 1101 އާއި 1200 އާ ދެމެދުގެ ގިންތީގައެވެ. މީގެއިތުރުން، ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ. މި ނަތީޖާއާއެކު އެމް.އެން.ޔޫ ވެފައިވަނީ ދިވެހިރާއްޖޭގެ އެއްވަނަ ޔުނިވަރސިޓީއަށެވެ.
ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްސްގައި ޔުނިވަރސިޓީތައް ވަޒަންކުރަނީ މައިގަނޑު ގޮތެއްގައި ތަޢުލީމީ، ދިރާސާކުރުމުގެ ފެންވަރު، މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތް، ބައިނަލްއަޤްވާމީ ގުޅުންތަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ދިރާސާ މަސައްކަތްތަކުގައި ބައިވެރިވާ މިންވަރުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، މި ލިބުނު ކުރިއެރުމަކީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޤައުމީ ޔުނިވަރސިޓީން ބުންޏެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު ޝެހެނާޒް ވިދާޅުވީ. މިއީ ފާއިތުވި އަހަރުތަކުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިއްސާއާއެކު، ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ލިބުނު ފަޚުރެކެވެ. މި ހަރުފަތަށް ދެވުމުން އުފާކުރާ ހިނދު، އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ދަރިވަރުންނަށް އެހީތެރިވުމާއި، ދިރާސާތައް ހަރުދަނާކޮށް، މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގައި ދެމިތިބުމެވެ."
ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފަސޭހަކަމާއެކު ކިޔެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފައިދާހުރި ދިރާސާތައް ކުރިއެރުވުމަކީ އެމް.އެން.ޔޫގެ މައިގަނޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރަމުން އެމްއެންޔޫއިން ބުނީ، އެކެޑެމިކް ޕްރޮގްރާމްތަކާއި، ދިރާސާގެ ހަރަކާތްތަކާއި، ދަރިވަރުންގެ ޚިދުމަތްތައް ހަރުދަނާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް އެ އިދާރާއިން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށެވެ.
ކިއު.އެސް ރޭންކިންގް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބައިވެރިވުމަކީ ޔުނިވަރސިޓީގެ ފެންވަރު ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އިތުރަށް އިސްލާޙުކުރަންޖެހޭ ކަންކަން ދެނެގަތުމަށް ލިބުނު ރަނގަޅު ފުރުޞަތެއް ކަމުގައި އެމްއެންޔޫއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް