ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް
ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯން (ޔޫއޭވީ) ތަކަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ސިފައިންގެ ހުރިހާ ދާއިރާއެއް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ސިފައިންގެ ޚިދުމަތުގައި ހިމެނޭ މީހުންގެ އަދަދު އިތުރުކުރައްވާފައިވާ ކަމަށާއި، މިހާތަނަށް 806 ޒުވާނުންނަށް އަސްކަރިއްޔާގެ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަން ޗީފް ފާހަގަކުރެއްވިއެވެ.
ސިފައިން ދިރިއުޅޭ މަރުކަޒުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޗީފް ވިދާޅުވީ، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ ޢިމާރާތެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަޙައްދުގައި ހުރި ސިފައިންގެ މަރުކަޒުތަކަށް ދިމާވެފައިވާ އެކޮމޮޑޭޝަންގެ ދަތިކަމަށް ދާއިމީ އަދި އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "ބަނޑޭރިކޮށި 1" ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޗީފް ވިދާޅުވީ، އޭރިއާ ކޮމާންޑްތަކުގެ މެރިޓައިމް މޮބިލިޓީ މިހާރަށްވުރެ ހަރުދަނާކޮށް، އައްސޭރިފަށުގެ ސަރަޙައްދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ސްޕެޝަލް ފޯސަސް (އެސްއެފް)، މެރިންސް، ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) އަދި ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު ލޭންޑިންގ ކްރާފްޓްތަކާއި ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓްތައް ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސިފައިންގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ލިސްޓު ވަރަށް ދިގުކަން ފާހަގަކުރައްވައި ޗީފް ވިދާޅުވީ، މިއީ އެމަނިކުފާނުގެ އިތުރުން މުޅި އަސްކަރިއްޔާގެ ކޮންމެ ސިފައިންގެ މީހަކުވެސް ނުހަނު ފަޚުރުވެރިކަމާއި ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަންކަން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަސްކަރީ އަދި ދިފާޢީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށާއި، ރާއްޖޭގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން އެމްއެންޑީއެފްގައި ޤާއިމުކުރުމަށް ކަމަށް ޗީފް ވިދާޅުވިއެވެ.
ޑްރޯނަކީ އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއިރު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ މިއަދު އެއާކޯކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ނުގަވައިދުން ވަންނަ އުޅަނދުތައް ދެނެގަތުމުގެ ގާބިލްކަން ވަރަށްބޮޑަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް