ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި
ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ މުޙައްމަދު ސުލައިމްޚާންގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދަޢުވާ އުފުލީ 21 ސެޕްޓެންބަރު 2023 ވީ ދުވަހު ހެނދުނު 07:44 އެހައިކަންހާއިރު، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައިސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރެޑް ޗެނަލް ފަހަނައަޅައި ގްރީން ޗެނަލުން ނިކުންނަން ދަނިކޮށް ހުއްޓުވައި ފާސްކުރި ކުރުމުގައި އަތުން ރަން ފެނުމުންނެވެ.
ކަސްޓަމްސްގެ އޮފިސަރުން އޭނާގެ ބެކްޕެކް ބަލައި ފާސްކުރިއިރު، ދުބާއީން ރަން ގަނެ، ރަން ޑިކްލެއަރ ކޮށްފައިވާ ލިޔުންތަކެއް ފެނުމުން އޭނާގެ ހަށިގަނޑު ސްކޭންކޮށް އިތުރަށް ބެލިއެވެ. އެ ބެލުމުގައި، އޭނާ ލައިގެން ހުރި ޖިންސުގެ ފަހަތު ދެ ޖީބުންނާއި، ކުރިމަތީ ދެ ޖީބުން އަދި ލައިގެން ހުރި ބޮކްސާގެ ތެރެއިން އުނަގަނޑާ ދިމާލުން، ޖުމްލަ 2،282 ގްރާމްގެ ރަން (5 ޕެކެޓް) ވަނީ ފެނިފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާކުރީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގައި ޙުކުމް ކުރީ، ސުލައިމްޚާން މި ދަޢުވާއަށް އިންކާރުކުރި ނަމަވެސް، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން އޭނާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، ފެނުނު ރަން ދަޢުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުގެ އެ ނިންމުން ސުލައިމްޚާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މި މައްސަލަ ބަލައި އިއްޔެ (28 އޮކްޓޯބަރުގައި) ވަނީ ޙުކުމް އިއްވާފައެވެ. މިއީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރުގެ ޖަލު ޙުކުމުގެ މުއްދަތު ހަމަވި ދުވަހެވެ.
ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، ސުލައިމްޚާންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައިވާ ޢަމަލަކީ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅޭނެ ޢަމަލެއްކަން ސާބިތުވާ މިންވަރަށް ކަންކަން ފުރިހަމަވެފައި ނުވާ ކަމަށެވެ. އެގޮތުން، އެ މުދަލަކީ ހުއްދަ ހޯދަންޖެހޭ ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައި މުދަލެއްކަމުގެ ރުކުން ދަޢުވާގައި ބަޔާންކޮށް، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއް ނޫން ކަމަށް ބަލައި، ހައިކޯޓުން ވަނީ ދަށު ކޯޓުގެ އެ ޙުކުމް ބާޠިލުކޮށް، އޭނާ މި މައްސަލައިގައި ކުށްވެރި ނުވާ ކަމަށް ކަނޑައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް