ރަށްރަށުގެ ތާރީހު ރައްކާތެރިކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގުމަށް މީހުން ހޯދަނީ
ރާއްޖޭގެ އެކި ރަށްރަށުގެ ތާރީހާއި ސަގާފަތް ހަލާކުވިޔަނުދީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ތަރިކައާ ބެހޭ ވުޒާރާއިން ހާއްސަ ކޯހެއް ހިންގުމަށް ބައިވެރިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މުޅިން އަލަށް ފަށާ މި ކޯހަކީ ދިވެހިންގެ ސަގާފީ އަދި ތާރީހީ ހަނދާންތައް އެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ގުޅިގެންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ޖުމްލަ 658 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފައެވެ. އަދި މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެކެވެ.
މި ކޯހުގައި ރަށްރަށުން މީހުންނަށް ޖާގަ ދިނުމުގައި އަމަލުކުރާނެ ގޮތާ ބެހޭގޮތުން ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އަމްޖަދު ވިދާޅުވީ، ކޮންމެ ރަށަކަށް ވެސް ފުރުސަތު ކަނޑައެޅޭނީ އެ ރަށެއްގެ ކައުންސިލަރުން ތިއްބަވާ އަދަދަށް ބަލައިގެން ކަމަށެވެ.
މި ކޯހުގެ މުގައްރަރު އެކުލެވިގެންވަނީ، ތަރިކައިގެ ދާއިރާއަށް ހާއްސަ މުހިންމު ބައިތަކެއްގެ މައްޗަށެވެ. އެގޮތުން، ދިވެހިންގެ ހަނދާންތަކާއި އާދަކާދަތައް އެއްކުރުމާއި، ރަށްވެހި އާސާރުތައް ދެނެގަނެ އުފެއްދުމުގެ އިތުރުން ތާރީހީ ކަންކަމަށް މީހުން އަހުލުވެރިކުރުވުމުގެ މޮޑިއުލްތައް ކޯހުގައި ހިމެނޭނެއެވެ. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ދޭން ފެށުމަށް ތައްޔާރުވަމުންދަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް