އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއިލާއެކު އޮންނަ ގުޅުމުގެ ސަބަބުން: ޖޭޑީ ވާންސް
އެމެރިކާގެ ސަރުކާރު މިޑްޓާމް އިންތިހާބުން ނާކާމިޔާބުވީ އިސްރާއީލާއެކު އޮންނަ ގުޅުމުގެ ސަބަބުން ކަމަށް އެމެރިކާގެ ނައިބު ރައީސް، ޖޭޑީ ވާންސް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ، އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުން އިދިކޮޅު މައި ޕާޓީ "ޑިމޮކްރެޓްސް" އިން މެޖޯރިޓީ ހޯދުމާއި ގުޅިގެން އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޕާޓީގެ ޑޭޓާ އެނަލިސްޓުން އަންދާޒާކުރި ގޮތަށް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވި ނަމަވެސް، 2024 ވަނަ އަހަރު ޓްރަމްޕް އަދި ވާންސް އަށް ވޯޓު ދިން ގިނަ އަދަދެއްގެ އާންމުން މިފަހަރު ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މީގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ވާންސް ފާހަގަކުރީ، އީރާން ހަނގުރާމައާއި އިސްރާއީލާއެކު އޮންނަ ގުޅުމެވެ.
ވާންސް ބުނި ގޮތުގައި، ޕޯލްތަކުން ޑިމޮކްރެޓުންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ދެއްކި ނަމަވެސް، އެމީހުންގެ ޓީމުގެ ޑޭޓާއިން ދެއްކީ ކެމްޕޭން ސަޕޯޓަރުން ވޯޓުލާން ނުކުންނަމުންދިޔަ ކަމަށެވެ. ނަމަވެސް، ޑޭޓާ އެކްސްޕަރޓުން ވަނީ، 2024 ގައި "ރިޕަބްލިކަން" ޕާޓީއަށް ވޯޓު ދިން ގިނަ ބަޔަކު ސަރުކާރު ދެކެ ނުރުހި، އިދިކޮޅަށް ވޯޓުންދޭން ނިންމާފައިވާކަން ކުރިންވެސް އަންގާފައެވެ. މިސާލެއްގެ ގޮތުން، ފްލޮރިޑާގައި ވޯޓުލީ މީހުންގެ ތެރޭގައި "ރިޕަބްލިކަން" ސަޕޯޓަރުންގެ އަދަދު ގިނަވި ނަމަވެސް، ނަތީޖާ ބަދަލުވީ ވޯޓު ދިން މީހުންގެ ވިސްނުން ބަދަލުވުމުންނެވެ.
މި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކާއި ބަހުސްތައް ހިނގާނެކަން ފާހަގަކުރަމުން ވާންސް ބުނީ، ކެމްޕޭންގެ ފަހުކޮޅު އިގްތިސާދީ މެސެޖުތައް ވަރުގަދަ ނޫން ކަމަށް ބައެއް ސާވޭކުރާ ފަރާތްތަކުން ބުނި ބުނުމަކީ ތެދެއް ކަމަށެވެ. ނަމަވެސް، ބަލިވި ހަގީގީ ސަބަބަކީ، އެމެރިކާއިން މިވަގުތު އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި އިސްރާއީލާއެކު އޮތް ގުޅުން ކަމީ އެންމެންނަށްވެސް ސާފުކޮށް އެނގޭ ހަގީގަތެް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ވާންސް ހާމަކުރި ސާވޭތަކުން ދައްކާ ގޮތުގައި، "ރިޕަބްލިކަން" ޕާޓީ ދޫކޮށްދިޔަ ވޯޓަރުން އެނބުރި އައުމަަށް އެދޭ މައިގަނޑު 4 ކަމަކީ:
އީރާން ހަނގުރާމަ ނިންމުން
ދިރިއުޅުމުގެ ހަރަދުތަކާއި އިންފްލޭޝަނަށް ސަމާލުކަން ދިނުން
"އެމެރިކާ ފަސްޓް" ސިޔާސަތު ކުރިއެރުވުން
އިސްރާއީލާއެކު އޮންނަ ގުޅުމަށް ބަދަލުުގެނައުން
މީގެ އިތުރުން، އިންތިހާބުގެ ނަތީޖާއަށްފަހު، ކުރިއަށް އޮތް މަސްތަކުގައި ސިޔާސީ ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރާނެ ކަމަށް ވާންސް ބުންޔެވެ. ހާއްސަކޮށް، ބައެއް ސިޔާސީ ބޭފުޅުންގެ ހައްލަކީ ގާނޫނީ ހިމާޔަތް ދިނުން ކަމަށް ބުނެފާނެ ކަމަށާއި، ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ގާނޫނު ތަންފީޒުކުރުމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަޒީފާއަށް ނަގާ ވިޔަފާރިތަކަށް އިސްކަންދިނުމުގެ ހިޔާލަށް ވާންސް ތަކުރާރުކޮށް ތާއިދުކުރިއެވެ.
ވާންސްގެ މި ދިގު ބަޔާން ނިންމާލުމުން އޭނާ ބުނީ، އެމެރިކާގެ މުސްތަގްބަލާމެދު އަދިވެސް އުއްމީދު އެބައޮތް ކަމަށާއި، ނަތީޖާއާމެދު ހިތްހަމަނުޖެހިފައިވާ އާންމުންގެ ރުޅިވެރިކަން، އެމީހުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރާ "ރިޕަބްލިކަން" ބޭފުޅުން އިންތިހަބު ކުރުމަށް ބޭނުންކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް