ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ވިއްކާލުމަށް ހައުސިންގ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ގެޒެޓުގައިކުރި އިއުލާންގައިވާ ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.
މިގޮތުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތައް ތިބީ މާލޭގެ ހަތަރު ރަށެއްގެ އިތުރުން ވިލިމާލޭގައެވެ. އޭގެ ތެރޭގައި މާފަންނުން 21 ބިމާއި، މައްޗަންގޯޅިން 10 ބިމާއި، ގަލޮޅުން 7 ބިމާއި، ހެންވޭރުން 9 ބިމެއްގެ އިތުރުން ވިލިމާލެއިން 1 ބިން ހިމެނެ އެވެ. މި ބިންތަކުގެ ބޮޑުމިން އުޅެނީ 28 އަކަފުޓާއި 180 އަކަފޫޓާ ދެމެދުގެ މިންވަރެއްގަ އެވެ.
ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ، އަކަފޫޓަކަށް 2000 ރުފިޔާގެ ރޭޓުންނެވެ. މި ބިންތައް ގަންނަން އެދޭ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިކަމާ ގުޅޭ އުސޫލާއި، ފޯމު އަދި ބިންތަކުގެ ޗާޓު އެ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހާއްސަ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. މިއީ މީގެ 16 އަހަރުކުރިން, 2011 ވަނަ އަހަރު ފެށި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ ބިންތަކެކެވެ.
ވެށިފަހި މާލެ ޕްރޮޖެކްޓަކީ މާލޭގައި ކުދި ބިންކޮޅުތައް ހުންނަ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދީ، ހުޅުމާލެއިން ބިމާއި ފްލެޓް ދޫކުރުމުގެ ބޭނުމުގައި ކުރީގެ ސަރުކާރުތަކުން ފެށިގެން އައިސްފައިވާ މުހިންމު މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މީގެ ކުރިންވެސް ދައުލަތަށް މިލްކުވެފައިވާ ބިންތަކެއް ވިއްކާފައިވާކަން މިނިސްޓްރީގެ ރެކޯޑުތަކުން ދައްކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް