ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު، ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޝާހިދު ގެންގޮސްފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.
މީގެ އިތުރުން، އޭނާ ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުމުރުން 64 އަހަރުގެ ޝާހިދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން އޭނާ އަދާކުރައްވާފައިވެ އެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު މަސައްކަތްކުރައްވައި، މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކޮށްދެއްވާފައިވެ އެވެ.
މީގެ އިތުރުން ޝާހިދު ވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމާއި އެންމެ ފަހަށް ރައީސް ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުއްވުމަށް ޝާހިދު ވަނީ، އެމްޑީޕީގެ ރައީސް ކަމުން މިދިޔަ އޮގަސްޓް މަހު އިސްތިއުފާދެއްވައި، ރަސްމީކޮށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް