މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ނައިފަރު، ނިއާމު، އުމުރުން 31 އަހަރުގެ ފާޠިމަތު ސަނާ ޙުސައިން އެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ޓްރެފިކްކުރުމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަނާ ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން އޭނާގެ ލަގެޖް ފޮށި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެކެޓެއް ފަދަ ކޮތަޅެއް ވަނީ ފެނިފައެވެ. ވަގުތީ ބަރުދަނުގައި 31.17 ގްރާމް ހުރި މި ތަކެއްޗަކީ ހެރޮއިން ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުން އެނގޭ ގޮތުގައި، ސަނާ އަކީ އެހެން ބަޔަކާ ގުޅިގެން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހެކެވެ. އަދި މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ މައުލޫމާތު އޭނާއަށް އެނގޭ ކަމަށާއި، ފޯނު މެދުވެރިކޮށް މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް އޭނާ ކުރަމުންދާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުށަހެޅިފައިވާތީއާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، 10 ދުވަހުގެ މުއްދަތަކަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ގާޟީ އަޙްމަދު ނިޔާޒް ވަނީ އަމުރުކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް