މަސްކްގެ ކުންފުނިތަކުން އެއް ދުވަހުގެ ތެރޭގައި 130 ބިލިއަން ޑޮލަރުގެ ގެއްލުމެއް
އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީން ހޯދުމުގެ މަގުމަތީގައި، ޓެކްސަސް ސްޓޭޓުން އެ ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން މަހުޖަނު އީލޮން މަސްކްގެ ވިޔަފާރިތަކަށް ބޮޑު ލޮޅުމެއް އަރައި، އޭނާގެ ކުންފުނިތަކުގެ މާކެޓް އަގުން އެއް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރު ގެއްލިއްޖެއެވެ.
ބުދަ ދުވަހުގެ މާކެޓް ބަންދުވިއިރު، މަސްކްގެ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު 3.3 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސްޕޭސްއެކްސްގެ ހިއްސާ ވަނީ 3.8 އިންސައްތަ ދަށަށް ގޮސްފައެވެ. މިފަދައިން ދަށްވީ ޓެކްސަސްގެ ގަވަރުނަރު ކަމުގެ ގޮނޑިއާއި ސެނެޓް ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ރިޕަބްލިކަން ޕާޓީއަށް ބޮޑެތި މާލީ އެހީތަކެއް ވެދީފައިވާ މަސްކްގެ ވިޔަފާރިތަކަށް މި ނަތީޖާއާ އެކު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިންވެސްޓަރުން ދެކެއެވެ.
އިންތިޚާބުގެ ކުރިން ވެސް މާކެޓް ދިރާސާކުރާ ފަރާތްތަކުން ވަނީ ޑިމޮކްރެޓުން ކާމިޔާބު ހޯދައިފިނަމަ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަރައްޤީއަށް ހުރަސްއެޅުމާއި، މަސްކްގެ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމުގެ އިތުރުން ޓެސްލާއާއި ސްޕޭސްއެކްސް އެއްކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޓެކްސަސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމަކީ، ވައިޓް ހައުސްގެ ވީޓޯއާ ނުލައި މަސްކްގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އޭނާގެ ސިޔާސީ ވާދަވެރިންނަށް ލިބުނު ބާރެކެވެ.
ޓިގްރެސް ފައިނޭންޝަލް ޕާޓްނާސްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު އިވާން ފެއިންސެތު ވިދާޅުވީ، މަސްކްގެ ވިޔަފާރި އެމްޕަޔަރުގެ މައި މަރުކަޒަކީ ޓެކްސަސް ކަމަށްވުމުން، އެ ސްޓޭޓްގެ ބާރު ޑިމޮކްރެޓުންގެ އަތްދަށަށް ދިއުމަކީ މަސްކަށް ކުރިމަތިވާނެ އައު ސިޔާސީ ގޮންޖެހުމެއް ކަމަށެވެ.
ޓެސްލާއާއި ސްޕޭސްއެކްސްގެ މައި އޮފީސްތައް ޓެކްސަސްގައި ހުންނައިރު، އަލަށް އިންތިޚާބުވި ގަވަރުނަރު ޖީނާ ހިނޯޖޯސާގެ ކެމްޕޭނުގައި ވަނީ ޑޭޓާ ސެންޓަރުތައް ކޮންޓްރޯލެއް ނެތި ފުޅާކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއަށް 450 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ މަސްކާ ދެކޮޅަށް ވޯޓުލުމަށް ގިނަ ރައްޔިތުން ނިންމިކަން ސީއެންއެންގެ އެގްޒިޓް ޕޯލްތަކުން ވެސް ވަނީ ދައްކާފައެވެ.
މި ނަތީޖާއާ ގުޅިގެން މަސްކް އޭނާގެ 'އެކްސް' އެކައުންޓުގައި މަޖާޒީ ގޮތަކަށް ބުނީ، އިންތިޚާބަށް ނުފޫޒު ފޯރުވަން އޭނާ ބޭނުންކުރި "ސްޕޭސް ލޭޒާތައް" މިފަހަރު މަސައްކަތް ނުކުރި ކަމަށާއި، މިހާރު ޖައްވުގައި ޑޭޓާ ސެންޓަރުތައް ހެދުން މާ ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.
ކެލިފޯނިއާ ދޫކޮށް 2020 ވަނަ އަހަރު ޓެކްސަސްއަށް ވިޔަފާރިތައް ބަދަލުކުރި މަސްކަށް، ޑިމޮކްރެޓުންގެ ސަބަބުން ހުރަސްތައް ކުރިމަތިވާނަމަ، އަނެއްކާވެސް އެހެން ސްޓޭޓަކަށް ވިޔަފާރި ބަދަލުކުރަން ޖެހިދާނެ ކަމަށް މާކެޓް ތަޖުރިބާކާރުން ބުނެއެވެ. ޓެސްލާއާއި ސްޕޭސްއެކްސް އެއްކޮށްލުމުގެ ވިސްނުން އަވަސްކުރުމަށް މަސްކް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ބަދަލުތަކާ އެކު، އާދައިގެ ކުދި އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ ރިވިއަން އަދި ލޫސިޑްގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައެވެ. އެއީ ތިމާވެއްޓާ ރައްޓެހި ޤާނޫނުތަކަށް ޑިމޮކްރެޓުންގެ ސަރުކާރަކުން އިސްކަންދޭނެ ކަމަށް ބެލެވޭތީއެވެ.
މާކެޓް ސްޓްރެޓެޖިސްޓުން ލަފާކުރާ ގޮތުގައި، ވައިޓް ހައުސް އަދި ކޮންގްރެސްގެ ސިޔާސީ އޮއިވަރު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ކުރިއަށް އޮތް ދެ އަހަރަކީ މަސްކް އަދި އޭނާގެ ވިޔަފާރިތަކަށް ވަރަށް އުނދަގޫ އަދި ފިއްތުންތައް ބޮޑު ދުވަސްތަކަކަށް ވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް