ސޮލޮމޮން އައިލެންޑުން ޗައިނާ ދޫކޮށް، އޮސްޓްރޭލިއާއާއެކު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޕެސިފިކް ސަރަހައްދުގައި އޮންނަ ސޮލޮމޮން އައިލެންޑްސްއިން ޗައިނާއާއެކު ވެފައިވާ ސަލާމަތީ އެއްބަސްވުން އައު ނުކޮށް ނިމުމަކަށް ގެނައުމަށް ނިންމައި، އޮސްޓްރޭލިއާއާއެކު އައު ސަލާމަތީ އަދި އިޤްތިޞާދީ މުޢާހަދާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސީ އާއި ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު މެތިއު ވޭލްއެވެ.
މި އައު މުޢާހަދާގެ ދަށުން އޮސްޓްރޭލިއާ ވެގެންދާނީ ސޮލޮމޮން އައިލެންޑްސްގެ އެންމެ މުހިންމު ސަލާމަތީ ބައިވެރިޔާއަށެވެ. އަދި އެ ޤައުމުގެ ބިމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ފުރުޞަތު ނުދިނުމަށާއި، ޤައުމުގެ މުހިންމު އުމްރާނީ ވަސީލަތްތައް ބޭރުގެ ނުފޫޒުން އެއްކިބާކޮށް ރައްކާތެރިކުރުމަށް ސޮލޮމޮން އައިލެންޑްސްއިން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ތަޢުލީމީ ދާއިރާއާއި، ކުޅިވަރާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އޮސްޓްރޭލިއާއިން ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، 2022 ވަނަ އަހަރު ޗައިނާއާއި ސޮލޮމޮން އައިލެންޑްސްއާ ދެމެދު ސޮއިކުރެވުނު ފަސް އަހަރުގެ ސަލާމަތީ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވުމުން، އެ އެއްބަސްވުން އައު ނުކުރާނެކަން ސޮލޮމޮން އައިލެންޑްސް ސަރުކާރުން ވަނީ ބެއިޖިންގއަށް އަންގާފައެވެ. އެ އެއްބަސްވުމުގެ ދަށުން ސޮލޮމޮން އައިލެންޑްސްގައި ތިބި ޗައިނާގެ ފުލުހުންގެ ޓީމުތައްވެސް އަންނަ އަހަރުގެ މެދުތެރޭގައި އެ ޤައުމުން ފައިބާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ޕެސިފިކްގައި ފުޅާވަމުން އަންނަ ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު މެތިއު ވޭލް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އެ ޤައުމު ވެފައި އޮތީ ސަރަހައްދީ ހަމަޖެހުމާމެދު ޝައްކާއި ނުތަނަވަސްކަން އުފެދޭ މަރުކަޒަކަށް ކަމަށާއި، ނަމަވެސް މި އައު އެއްބަސްވުމާއެކު އެ ދުވަސްތައް ނިމުމަކަށް އައީ ކަމަށެވެ.
2022 ވަނަ އަހަރު ޗައިނާއާއެކު ސޮލޮމޮން އައިލެންޑްސްއިން ސޮއިކުރި ސަލާމަތީ އެއްބަސްވުމުގެ ސަބަބުން، ޕެސިފިކް ސަރަހައްދުގައި ޗައިނާއިން އަސްކަރީ ބާރުގަދަކޮށްފާނެ ކަމުގެ ބިރު އޮސްޓްރޭލިއާއާއި އެމެރިކާއަށް އޮތީ ބޮޑުވެފައެވެ. މި މައްސަލައާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޕެސިފިކް ޤައުމުތަކާއެކު ޗައިނާއިން ބާއްވާ ގުޅުމަކީ އެއްވެސް ތިންވަނަ ފަރާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަމެއް ނޫން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް