މޮޅުނުވާނަމަ ހުރިހާ ކަންކަމާމެދުވެސް ސުވާލު އުފައްދާނެ: ހާލާންޑް
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު މެންޗެސްޓަރ ސިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ބުނެފިއެވެ.
އިޓަލީގެ ނަޕޯލީ އާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ހާލާންޑް ބުނީ، ޓީމުގެ ފޯމު ދަށްވުމުގެ އަސަރު ކުޅުންތެރިންނަށް ކުރަމުންދާ ކަމަށާއި، މެޗުތަކުން މޮޅުނުވާ ދަނޑިވަޅުތަކުގައި ކުރާ މަސައްކަތާ މެދު ސުވާލު އުފެދުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ޓީމުގެ ފަރާތުން ފެންނަނީ އެންމެ އެދެވޭ ކުޅުމެއް ނޫން ކަމަށާއި، އިދިކޮޅު ޓީމަށް މާ ފަސޭހައިން ފުރުސަތުތައް ލިބެމުންދާކަން އޭނާ ފާހަގަކުރިއެވެ. ހާލަންޑް އިތުރަށް ބުނިގޮތުގައި، މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ އަލުން ޓީމު ހަމައަކަށް އަޅުވައި، ކުރިއަށް އޮތް އާސެނަލް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ.
ސިޓީގެ ޑިފެންސްލައިނަށް ބަލާއިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު 10 މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި އެ ޓީމު ކޮޅަށް 20 ލަނޑު ވަދެފައިވާއިރު، ކޯޗު އެންޒޯ މަރެސްކާ ދަނީ ދިފާއީ ސަފަށް ތަފާތު ބަދަލުތައް ގެންނަމުންނެވެ. ރޭގެ މެޗުގައިވެސް މާކް ގޭހީ އާއި ޖޮސްކޯ ގްވާޑިއޯލް ފުރަތަމަ ފަހަރަށް ސެންޓަރ ބެކުންގެ ގޮތުގައި ޕެއާކޮށްގެން ކުޅުވި ނަމަވެސް، ދިފާއީ މައްސަލަތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގުގެ ތާވަލަށް ބަލާއިރު، މި ނަތީޖާއާއެކު ސިޓީ މިވަގުތު އޮތީ ހަވަނަ މަގާމުގައެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭގެ މެޗުތަކަށްފަހު ގަދަ އަށަކުން އެ ޓީމު ބޭރުވުމުގެ ބިރު އެބައޮތެވެ.
ކޯޗު މަރެސްކާ ބުނީ، ޓީމުން ގިނަ ލަނޑުތަކެއް ބައިކޮޅަށް ވަންނަ މައްސަލައަކީ ކަންބޮޑުވުމެއް ކަމަށާއި، އެކަން އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ނުކުންނައިރު، ކުޅުންތެރިންގެ އިތުބާރު ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ސިޓީން ދެން ބައްދަލުކުރަން ޖެހޭނީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާ ކަމަށްވާއިރު، އެ މެޗަކީ މި ސީޒަނުގައި އެ ޓީމަށް ކުރިމަތިވާނެ އެންމެ އުނދަގޫ އިމްތިހާނަށް ވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް