ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
ކުޑަކުދިން ޝައުޤުވެރިވާނޭ ފަދަ މަޖާ މާޙައުލެއްގައި ދިވެހިބަސް ދަސްކޮށްދިނުމުގެ މަޤްޞަދުގައި، "އަކުރު ފިލި" ނަމުގައި މުޅިން ހިލޭ ބޭނުންކުރެވޭ މޯބައިލް އެޕްލިކޭޝަނެއް 'ރޯމް ދުނިޔެ' އިން ރަސްމީކޮށް ނެރެފިއެވެ.
ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.
"އަކުރު ފިލި" އެޕް ފަރުމާކޮށްފައިވަނީ ތަޢުލީމީ ގިނަ ބައިތަކެއް ޝައުޤުވެރި ގޮތަކަށް ދަސްވާނޭހެންނެވެ. އެގޮތުން ތާނަ އަކުރާއި ފިލި، އަދަދުތަކާއި ހިސާބު، އަދި އެކި ކަހަލަ ކުލަތައް ދަސްކޮށްދިނުމުގެ އިތުރުން، ސްކްރީނުގައި އިނގިލި ޖައްސައިގެން އަކުރު އަޅަން ދަސްކޮށްދޭ 16 ކުޅިވަރެއް މި އެޕްގައި ވަނީ ހިމަނާފައެވެ. މީގެއިތުރުން ކުޑަކުދިންގެ ޝައުގުވެރިވާފަދަ ރީތި ތަސްވީރުތަކާއެކު ކިޔައިދޭ ދިވެހި ވާހަކަތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.
މި އެޕްގެ ޚާއްޞަ ފީޗާތަކުގެ ތެރޭގައި ހިމެނޭ "އަކުރު ލިޔާ" ކުޅިވަރަކީ ކުދިންނަށް އަކުރު އަޅަން ވަރަށް ފަސޭހައިން ދަސްކޮށްދޭ ބައެކެވެ. އެގޮތުން އިނގިލިން އަކުރު ލިޔާއިރު، ކޮންމެ އަކުރެއް ވެސް ލިޔަން ފަށާނެ ތަނާއި، ދާންވީ މިސްރާބު އަދި ނިންމާނެ ތަން މި އެޕުން ސާފުކޮށް ދައްކައިދެއެވެ.
މީގެއިތުރުން، އެޕްގައި ހިމެނޭ ވާހަކަތައް ބެލެނިވެރިންގެ އަމިއްލަ އަޑުން ރެކޯޑްކުރުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އެޕްގެ ޚާއްޞަ ބެލެނިވެރިންގެ މެނޫ މެދުވެރިކޮށް ވާހަކަތަކާއި ތާނަ އަކުރުތައް ކިޔައިދީ ރެކޯޑްކޮށްލުމުން، ކުދިން އެޕް ބޭނުންކުރާއިރު އެ އަޑުތައް އިވޭނީ ބެލެނިވެރިޔާގެ އަޑުންނެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކުދިންނަށް އަޑު ޖެއްސުމާއި ނިއްވާލުމުގެ އިޚްތިޔާރު ވެސް ލިބިގެންވެއެވެ.
ބެލެނިވެރިންނަށް އެޕް ކޮންޓްރޯލް ކުރެވޭ ގޮތަށް ހިމަނާފައިވާ މެނޫއިން، ކުދިން ދަސްކުރުމުގައި ހޯދާ ކުރިއެރުންތައް ފަސޭހަކަމާއެކު ބަލައިލެވެއެވެ. އަދި ކޮންމެ ކުއްޖަކަށް ވަކިން ސްކްރީން ޓައިމް ކަނޑައަޅައި، އެޕް ބޭނުންކުރެވޭނެ ވަގުތު ކޮންޓްރޯލް ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ކުދިންގެ ޒާތީ މަޢުލޫމާތާއި ރައްކާތެރިކަމަށް ބަލާއިރު، ކުދިންގެ ނަމާއި، ހޯދާ ތަރިތަކާއި އަދި ރެކޯޑިންގތައް ރައްކާވަނީ ހަމައެކަނި އެ ބޭނުންކުރާ ފޯނެއްގައެވެ.
"އަކުރު ފިލި" އެޕް މިހާރު akurufili.com ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ. އަދި އައިފޯނާއި އައިޕެޑް ގެންގުޅޭ ފަރާތްތަކަށް އެޕަލްގެ 'ޓެސްޓްފްލައިޓް' މެދުވެރިކޮށް ވެސް މި އެޕް އަޖުމަބަލައިލެވޭނެއެވެ. އެންޑްރޮއިޑް ވަރޝަން މިވަގުތު އޮތީ ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގައެވެ. އެހެންކަމުން އެންޑްރޮއިޑް ވަރޝަން ޓެސްޓްކުރުމުގައި ބައިވެރިވާން ބޭނުންވާ ބެލެނިވެރިންނަށް ގުޅުމުން އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.
އެޕް ޑައުންލޯންޑްކުރުމަށް: https://play.google.com/store/apps/details?id=mv.akurufili.kids
މި އެޕާ ބެހޭގޮތުން އެއްވެސް ޚިޔާލެއް ފާޅުކުރުމަށް، އައު ފީޗަރެއް ހުށަހެޅުމަށް ނުވަތަ އެޕުން އެއްވެސް ކުށެއް ފާހަގަކުރެވިއްޖެނަމަ، 7968676 ނަންބަރަށް ވަޓްސްއެޕް (WhatsApp) މެދުވެރިކޮށް ޙިއްޞާކުރުމަށް ޑިވެލޮޕަރުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް