އެމެރިކާގެ އިންތިޚާބު: ސެޕްޓެމްބަރު މަހު ކެމްޕޭން މެދުކަނޑާލި ޑިމޮކްރެޓިކް ކެންޑިޑޭޓަކަށްވެސް ގޮނޑި ލިބުނު
ސިއްހީ ސަބަބުތަކަށްޓަކައި މީގެ ދެ މަސް ކުރިން ކެމްޕޭން ކުރުން މެދުކަނޑާލި ނަމަވެސް، އަންގާރަ ދުވަހު އެމެރިކާގައި ބޭއްވި އިންތިޚާބުގައި ހުޅަނގު އަޔޯވާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ޑިމޮކްރެޓިކް ކެންޑިޑޭޓް އެރިކް އާމްސްޓްރޯންގް ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނަން އޮތް އެރިކް އާމްސްޓްރޯންގް މި ގޮނޑި ކާމިޔާބު ކުރެއްވީ، މިހާރު އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަދި އަންގާރަ ދުވަހުގެ އިންތިޚާބުގައި އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ޑިމޮކްރެޓިކް މަންދޫބު ޖޯޝް ޓޫރެކްގެ ބަދަލުގައެވެ.
ތަކެތީގެ އަގުބޮޑުވުމާއި، ސަރުކާރުގެ ކޮރަޕްޝަނުގެ އިތުރުން، އެމެރިކާއިން ބޭރު ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތަކަށް އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމުގެ ސަބަބުން، މިއަހަރުގެ އިންތިޚާބުގައި އަޔޯވާ އާއި މުޅި އެމެރިކާގެ ވޯޓުލީ މީހުން ވަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖައްސާފައެވެ.
އަޔޯވާގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު އަދިވެސް އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގައި ނަމަވެސް، އެ ސްޓޭޓުގެ ގަވަރުނަރުގެ މަގާމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ރޮބް ސޭންޑް އިންތިޚާބުވުމާ ގުޅިގެން ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މިއާއެކު ވޭތުވެދިޔަ ދިހަ އަހަރު ދުވަހު ރިޕަބްލިކަނުން ހިފަހައްޓަމުން އައި ފުރިހަމަ ބާރު ކެނޑި، ދެން އެ ޕާޓީއަށް ވެރިކަން ހިންގަން ޖެހޭނީ މަޖިލީހުގެ ވަރަށް ކުޑަ އަގުލަބިއްޔަތަކާ އެކުގައެވެ.
ކައުންސިލް ބްލަފްސް އާއި ކާޓާ ލޭކްގެ ބައެއް ހިމެނޭ މި ދާއިރާއިން، ރޭލްވޭގެ ކުރީގެ އެގްޒެކެޓިވްއެއް ކަމަށްވާ އާމްސްޓްރޯންގް މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވާދަވެރި ރިޕަބްލިކަން ކެންޑިޑޭޓް ކީތު ޖޯންސްއާ ވާދަކޮށް 865 ވޯޓުގެ ތަފާތުންނެވެ. ޖޯންސް އަކީ ޕޮޓަވަޓަމީ ކައުންޓީގެ ސުޕަވައިޒަރެއްގެ އިތުރުން ރިޓަޔާޑް ޕޮލިސް ލެފްޓިނަންޓެކެވެ.
ދާއިރާގެ 8,000 އަށްވުރެ ގިނަ ވޯޓުލީ މީހުންގެ 55 އިންސައްތަ ތާއީދު ހޯއްދެވި އާމްސްޓްރޯންގް، ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަމަލުކުރައްވާނެ ގޮތް ވަރަށް އަވަހަށް ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށެވެ.
"20 ވަނަ ދާއިރާގެ ރައްޔިތުން ވަނީ އަޔޯވާ ބޭނުންވާ މިސްރާބާ މެދު ވަރަށް ސާފު މެސެޖެއް ދީފައި. އަދި އަންނަ ޖެނުއަރީ މަހު މަޖިލިސް ހުޅުވޭއިރު، އެ މެސެޖު ކެޕިޓޮލްއަށް ފޯރުކޮށްދޭނަން،" އާމްސްޓްރޯންގް ވިދާޅުވިއެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އާމްސްޓްރޯންގް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ސިއްހީ ހާލަތަށް ވަގުތުން ފަރުވާދީ ސަމާލުކަން ދޭންޖެހިފައިވާތީ، ކެމްޕޭންގެ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭނާ ނިންމެވި މި އުނދަގޫ ނިންމެވުން ރައްޔިތުން ބަލައިގަތުމަށާއި، މި ދަނޑިވަޅުގައި އޭނާގެ އަމިއްލަ ދިރިއުޅުމަށް އިހުތިރާމް ކުރުމަށް ވެސް އޭނާ އޭރު އެދިވަޑައިގެންފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް