އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ދަރިވަރުންގެ ތަޢުލީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ކަމަށްވާ 'ސޭވް ދަ ޗިލްޑްރަން' އިން ހާމަކޮށްފިއެވެ.
އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ. 'ސޭވް ދަ ޗިލްޑްރަން' އިން ބުނި ގޮތުގައި، އިޒްރޭލުގެ ވަޒަންވެރިންގެ ޙަމަލާތަކާއި، އިޒްރޭލުގެ ސިފައިން ދަތުރުފަތުރުގެ މިނިވަންކަމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ތަޢުލީމު ލިބުމަށް ހުރަސްއެޅިފައިވާ ދަރިވަރުންގެ ޢަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރުވެފައިވެއެވެ. މިކަންކަމުގެ ސަބަބުން ކުޑަކުދިންގެ ހަޔާތަށް ނުރައްކާތެރި އަސަރުތަކެއް ކުރަމުންދާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހާ ދެމެދު ހިނގާފައިވާ 174 ޙާދިސާއެއްގައި، 140 ސްކޫލަކަށާއި 24,500 ދަރިވަރުންނަށް ސީދާ އަސަރުކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްޠީނުގެ ދަރިވަރުންނަށް ޖުމްލަ 875 އަށް ވުރެ ގިނަ ކިޔެވުމުގެ ގަޑި ގެއްލިފައިވާކަމަށް ރިޕޯޓުކުރެވިފައިވާއިރު، މިއީ ފަލަސްޠީނުގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާޅުކޮށްދެއެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ޤާއިމުކޮށްފައިވާ 942 ޗެކްޕޮއިންޓާއި އެހެނިހެން ހުރަސްތަކުގެ ސަބަބުން ކުޑަކުދިންނަށް ގަޑިއަށް ސްކޫލަށް ދިއުމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން ބައެއް އާއިލާތަކުން، ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައިވާކަން 'ސޭވް ދަ ޗިލްޑްރަން' އިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ދަރިވަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި، ގަލާއި ދަނޑިބުރިން ޙަމަލާދީ ގެއްލުން ދިނުމާއި، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން ސްކޫލް އިމާރާތްތަކަށް ވަދެގަތުމަށް މަސައްކަތް ކުރުމާއި، އިޒްރޭލު ސިފައިން ކަރުނަގޭސް ޖެހުމާއި، މަގުމަތިން ދަރިވަރުންނާއި މުދައްރިސުން ހިފެހެއްޓުމުގެ ޢަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިކަންކަމުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާކަމަށް 'ސޭވް ދަ ޗިލްޑްރަން' އިން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން 'ސޭވް ދަ ޗިލްޑްރަން' އިން ވަނީ ކުޑަކުދިންނަށާއި، މުދައްރިސުންނަށާއި، ތަޢުލީމީ މަރުކަޒުތަކަށް ދޭ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައިފައެވެ. އަދި ދަތުރުފަތުރަށް ހުރި ހުރަސްތައް ނައްތާލައި، ފަލަސްޠީނުގެ ސްކޫލްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް