އިސްރާއީލުގެ މީހުންނާއި، ޖަމާޢަތްތަކަށް އޮސްޓްރޭލިޔާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އިސްރާއިލުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބިން ފޭރުން އިތުރުކުރަމުންދާ މައްސަލައާ ގުޅިގެން، އިސްރާއީލުގެ ތިން ފަރުދަކަށާއި ހަތަރު ޖަމާޢަތަކާ ދެކޮޅަށް އޮސްޓްރޭލިޔާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އޮސްޓްރޭލިޔާއިން ބުދަ ދުވަހު މި ފިޔަވަޅު އަޅާފައިވަނީ ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ގޮތުން ގެދޮރު ބިނާކުރުމުގައި ބައިވެރިވާ އިސްރާއީލުގެ އަށް ކޮންސްޓްރަކްޝަން ކުންފުންޏަކަށް އިނގިރޭސިވިލާތުން ވެސް ފިޔަވަޅު އެޅިތާ އެއް ދުވަސް ފަހުންނެވެ.
އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފިޔަވަޅު އެޅި ފަރާތްތަކަކީ އާ ވަޒަންވެރިވުންތައް ރޭވުމާއި، ވިލަރެސްކުރުމާއި، ގާއިމުކުރުމުގެ އިތުރުން ފަންޑު ހޯދުމާއި، ވޮލަންޓިއަރުން ނެރުމާއި، އަނިޔާވެރި ވަޒަންވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ސުލްހަ ޤާއިމުކުރުމަށް އޮތް ފުރުޞަތު އެއްކޮށް ގެއްލިގެންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ޣައިރުޤާނޫނީ ވަޒަންވެރިންގެ ޖަމާޢަތެއް ކަމަށްވާ "ނަޚާލާ" ގެ ލީޑަރު އަދި ޣައްޒާއިން ފަލަސްޠީނު ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ވަކާލާތުކުރާ ޑެނިއެލާ ވެއިސް ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް މެދުވެރިކޮށް ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ އާބާދީތައް ހަލުވިކަމާއެކު ފުޅާކުރަމުންދާ އެލިއާވް ލީބީ ވެސް ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން، އޮސްޓްރޭލިޔާގެ ރައްޔިތުންނާއި ވިޔަފާރިތަކުން މި ފަރާތްތަކާއެކު މުޢާމަލާތްކުރުމާއި އެހީތެރިކަން ދިނުން ވަނީ މަނާކޮށްފައެވެ.
ޚާރިޖީ ވަޒީރު ވޮންގް އިތުރަށް ވިދާޅުވީ، ހުޅަނގު އައްސޭރި ދެބައިކޮށް، އިރުމަތީ ޤުދުސާ އެ ސަރަޙައްދު ވަކިކޮށްލާ "އީ1" މަޝްރޫޢުގެ ސަބަބުން ފަލަސްޠީނުގެ މުސްތަޤުބަލުގެ ދައުލަތެއް އުފެދުމުގެ އުންމީދުތައް ވިއްސިވިއްސިވެގެންދާ ކަމަށެވެ. އަދި އޮސްޓްރޭލިޔާއިން ގެންގުޅޭ މި ސިޔާސަތާ ގުޅޭގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރއާ ވާހަކަދައްކައި، ޣައިރުޤާނޫނީ ވަޒަންވެރިވުންތަކާ ދެކޮޅުކަން ސާފުކޮށްދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެކެވެ. ނަމަވެސް، ޔަހޫދީ ވަޒަންވެރިން ދަނީ އެތަނުގައި ވަޒަންވެރިވެ، ފަލަސްޠީނު ރައްޔިތުންނަށް އަމާޒުކޮށް ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. މިގޮތުން މި ހަފުތާގައި ވެސް ޖެރިކޯގައި 72 އަހަރުގެ ފަލަސްޠީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ވަނީ ޝަހީދުކޮށްލާފައެވެ.
ފަލަސްޠީނުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް ހުޅަނގު އައްސޭރީން އެކަނިވެސް އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ވަޒަންވެރިން ވަނީ 1,220 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، 13,746 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 26,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ހައްޔަރުކޮށް، ޣައިރުޤާނޫނީ ގޮތުގައި ގެންގޮސްފައެވެ.
ތ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް