ފަލަސްތީނުގެ ހައްގުގައި ސާބިތުކަމާއެކު އަބަދުވެސް ދެމިއޮންނާނަން: ޕާކިސްތާން
ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް ޕާކިސްތާނުން އަބަދުވެސް ވަކާލާތު ކުރަމުންދާނޭކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުހައްމަދު އިސްހާގް ދާރު ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކީ އެއްބައިވަންތަކަން (ސޮލިޑަރިޓީ) ފާޅުކުރުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައި، އިސްހާގް ވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާވެރިކަމާއި ނިކަމެތިކަމަށް ނިމުމެއް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
އިސްހާގް ދާރު ވިދާޅުވީ، މެދުއިރުމައްޗަށް އިންސާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްހައެއް ލިބޭނީ އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ކަށަވަރުކޮށްދީގެން ކަމަށެވެ.
މީގެ ތެރޭގައި 1967 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަލްޤުދުސް އަލްޝަރީފް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ހިމެނެ. މިއީ އދ. ގެ ގަރާރުތަކާއި އަރަބި ސުލްހައިގެ އިސްނެގުމާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަމެއް،"
ފަލަސްތީނުގެ ހައްގުގައި ޕާކިސްތާނުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ހާމަކުރައްވަމުން، ހަމައެކަނި ހަމްދަރުދީ ފާޅުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ވޭނާއި ތަދުތަކަށް ނިމުމެއް ގެނައުމަށާއި އެމީހުންގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އޭނާ ވަނީ ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޣައިރު ގާނޫނީ ގޮތުން ހަދަމުންދާ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުން ފާއިތުވި ސެޕްޓެމްބަރު މަހު އެޅި ފިޔަވަޅުތަކަށް ޕާކިސްތާނުން ވަނީ މަރުހަބާ ކިޔާފައެވެ. ޕާކިސްތާނުން ފާހަގަކުރި ގޮތުގައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ އަދި ސަރަހައްދީ ސުލްހައަށް ހުރަސްއަޅާ ޒަޔަނިސްޓު އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދައްކާ ސާފު ނުރުހުމެކެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި، ވިދާޅުވެފައިވަނީ އިސްރާއީލުން ޣައިރު ގާނޫނީ ގޮތުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އާބާދީތަކުން އުފައްދާ ތަކެތި އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމަށް ނިންމި ނިންމުމަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގައި އިސްރާއީލުން ހިންގާ އާބާދީ ފުޅާކުރުމުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު، ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް