މައްކާ އާއި މަދީނާ ދިފާއުކުރުމަށް ޕާކިސްތާނުން ސައުދީއަށް ސިފައިން ފޮނުވަނީ
ހޫތީން ސައުދީއަށް މިހާރު ދެމުންދާ ހަމަލާގައި މައްކާ އާއި މަދީނާ ދިފާއުކޮށް ސައުދީއަށް ދިފާއީ ގޮތުން އެހީތެރިވުމަށްޓަކައި ޕާކިސްތާނުން އެ ގައުމަށް ސިފައިން ފޮނުވަން ނިންމައިފިއެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ވިންގުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާއަށް ފޮނުވާ ސިފައިންނަށް އަލްވަދާއު ކިޔުމުގެ ހާއްސަ ރަސްމިއްޔާތެއް ހޮނިހިރު ދުވަހު ބާއްވާފައިވާ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ބިމުގައި ތިބެގެން ޕާކިސްތާނު ސިފައިން އަދާކުރާނީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ ޒިންމާތަކާއި، ދިފާއީ އެއްބާރުލުމުގެ އޮނިގަނޑުގެ ދަށުން އެ މީހުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކެވެ.
މީގެ އިތުރުން، މި ފިޔަވަޅަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޕާކިސްތާނުން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. ހަމައެއާއެކު، އިސްލާމްދީނުގެ އެންމެ މާތް ދެ ބިން ކަމަށްވާ މައްކާ އާއި މަދީނާގެ ހުރުމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ބަޔާނުގައި ވަނީ ދީފައެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއްޔާއަކީ ޒަމާނުއްސުރެ ވަރަށް ގާތް އަދި ބަދަހި އަސްކަރީ ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ސަރަހައްދީ މަސްރަހު ނުތަނަވަސްވަމުންދާ މި ދަނޑިވަޅުގައި ޕާކިސްތާނުން ސިފައިން ފޮނުވުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް