ސައުދީ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން ސަރަހައްދީ ސަލާމަތާއި ދިފާއު ވަރުގަދަކުރަނީ
މައްކާ ޑިފެންސް އެލަޔަންސްގެ ސިޔާސީ އަދި ދިފާއީ އިސްތިރާޖީ ކޮމިޓީގެ މެންބަރު ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ސައުދީ އަރަބިއްޔާގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުކުރު ދުވަހު ބޭއްވުނު މި ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ތިން ގައުމުގެ މަންދޫބުން ވަނީ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓުގައި ހިމެނޭ މުހިންމު އަސާސްތައް ކަމަށްވާ ޖަމާއީ ދިފާއާއި، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ސަރަހައްދީ މަސްރަހުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ވަނީ އާކޮށްފައެވެ.
ކޮމިޓީން ވަނީ އިއްތިހާދުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ސައުދީ އަރަބިއްޔާގައި ގާއިމުކުރާ ޖެނެރަލް ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ކުރިއަށްދާ ދުވެއްޔާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. މީގެ އިތުރުން، އިއްތިހާދުގެ ފުރަތަމަ ބައްދަލުވުމާއި ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގައި ލިބިފައިވާ ކުރިއެރުންތައް ވެސް މި ބައްދަލުވުމުގައި މުރާޖައާކުރެވުނެވެ.
މި ބައްދަލުވުމުގެ ތެރެއިން، ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތުންނަށާއި ތަންތަނަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ސަރަހައްދީ ނުތަނަވަސްކަން ހައްލުކުރުމުގައި ބޭނުންކުރަންޖެހޭނީ މަޝްވަރާއާއި ޑިޕްލޮމަސީގެ މަގުކަން ފާހަގަކޮށް، ދިފާއީ ސިނާއަތާއި، ޓެކްނޮލޮޖީ އަދި އަސްކަރީ ތަމްރީނުތަކުގެ ދާއިރާއިން ތިން ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް