ޗެކް ރިޕަބްލިކަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރު ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރު، އާމިނަތު ޢަބްދުﷲ ދީދީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޕީޓަރ ޕަވެލްއަށް މިއަދު އަރުވައިފިއެވެ.
ޕްރާގް ކާސަލްގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، ސަފީރު އާމިނަތު ޢަބްދުﷲ ދީދީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗެކް ރިޕަބްލިކްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ހާމަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޗެކް ރިޕަބްލިކްގެ ރައީސް ޕީޓަރ ޕަވެލް ވަނީ އާމިނަތު ޢަބްދުﷲ ދީދީއަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ބައިލެޓަރަލް ގުޅުން ބަދަހިކުރުމަށް އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސަފީރު އާމިނަތު ޢަބްދުﷲ ދީދީއަކީ މީގެ ކުރިން އިންޑިއާގެ ތުރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ، ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑެސްކް އޮފިސަރު ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް