ކިންގްސްޓަން ހޯލްޑިންގްސްގެ އެމްޑީ ޢާޠިފަށް 139 ދަޢުވާ؛ ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ޙުކުމެއް!
އަގުހެޔޮކޮށް ސައިކަލު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް 139 ދަޢުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ) ބުނީ މި ދަޢުވާތައް އެ ކޯޓަށް ހުށަހަޅާފައިވަނީ މިމަހު 26 ވަނަ ދުވަހު ކަމަށެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން، ޢާޠިފް ވަނީ އެކި މީހުންގެ އަތުން ފައިސާ ނަގާފައެވެ. ނަމަވެސް އެ ފަރާތްތަކަށް ސައިކަލު ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކޮށް، އެ ފައިސާއިން އިތުރު ތަޞައްރުފުކޮށްފައިވާ ކަމަށާއި، މީހުންނަށް ސައިކަލު ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ރައްދުކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލައިގައި އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޓެކުމުގެ ކުށުގެ ޖުމްލަ 139 ދަޢުވާއެވެ.
މި ދަޢުވާތައް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
މީގެއިތުރުން، މި ދަޢުވާތަކާ ގުޅިގެން އަނިޔާލިބުނު ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި)، އަޙްމަދު ޢާޠިފް ޙަސަންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، މި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކިންނެވެ. އެހެންކަމުން، މި ދަޢުވާތައް ސާބިތުވާ ޙާލަތުގައި ހުށަހެޅިފައިވާ 139 ދަޢުވާއަށް، ކޮންމެ ދަޢުވާއަކަށް ވަކިވަކިން އަދަބު ކަނޑައެޅިގެންދާނެއެވެ.
ހަމައެއާއެކު، މި މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ލަފާދީފައިވާނެ ކަމަށާއި، އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން، އެ މައްސަލަތަކުގައި ދަޢުވާކުރުމާމެދު ވަކިން ގޮތެއް ނިންމަވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް