ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ރައްޔިތުންގާތު ނޭހުނީ ގޯހަކުން؛ މިއައީ އެ ތަޖުރިބާއާއެކު: ރައީސް ނަޝީދު
އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމުގެ ކުރިން ރައްޔިތުން ގާތު ނޭހުނީ ހެދުނު ގޯހަކުން ކަމަށާއި، މިހާރު ވާހަކަދައްކަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލެ (ފުށިދިއްގަރުފަޅު) ތަރައްގީކުރުމުގެ މަޝްރޫޢު އީގަލްސް ހިލްސް ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ރެފަރެންޑަމަކަށް ދިއުމަށް ގޮވާލައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި "އަހާބަލަ" މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު ފުރޮޅިގެންދާ ގޮތް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި އަލުން އެކުލަވާލާނެ ގޮތެއް އަދި އަދާކުރާނެ ގޮތެއް ސަރުކާރަށް ނޭނގި، ކުއްލިއަކަށް ފައިސާ ބޭނުންވުމުން "ނުއަގުގައި ފައްޓަރުބައި ވިއްކާލަން" ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
މިފަދަ މަންޒަރުތައް ސްރީލަންކާ އަދި ގާނާ ފަދަ ގައުމުތަކުން ފެނިފައިވާކަން ފާހަގަކުރައްވަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތު މުޅިން ފެއިލްވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުއަސާސީގައި ވާގޮތުން ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ގައުމުގެ މިސްރާބު ބަދަލުވާ ފަދަ ބޮޑެތި ނިންމުންތައް ހަމައެކަނި ވެރިންނަށް ފެންނަ ގޮތަކަށް ނުނިންމޭނެ ކަމަށެވެ.
"ބޭފުޅުން އަޅުގަނޑު ކައިރީގައި އަހާ، ކިހިނެއް ހެއްޔޭ، ކީއްވެ ހެއްޔޭ ޖީއެމްއާރަށް އެއާރޕޯޓު ކޮންޓްރެކްޓަށް ދިން އިރުގައި އަޅުގަނޑުމެން ނޭހީ. އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެ ތަޖުރިބާގައޭ އަޅުގަނޑު މިހިރީ މި ތަނަށް އައިސް،"
އަދި ރައްޔިތުން ގާތު ނާހައި ކުރާ އެއްވެސް ކަމަކުން ކާމިޔާބީއެއް ނުލިބޭނެ ކަމަށާއި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ފުށިދިއްގަރު ފަޅުގައި އެ މަޝްރޫޢު ހިންގުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދާދިފަހުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތްކުރެއްވި އިރު، ގިނަ ރަށްރަށުގައި ސްކޫލްތަކުގެ ކުދިން މަދުވެ، ރަށްރަށުގެ އާބާދީ ހުސްވަމުންދާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ.
އަދި މުޅި ރާއްޖޭގެ އާބާދީ މާލެ ސަރަހައްދަށް ޖަމާކުރުމަކީ ރާއްޖެ ހަލާކުވެގެންދާނެ ކަމެއް ކަމަށާއި، ރެޒިޑެންސީ ޕްރޮގްރާމްތައް ފަދަ މަޝްރޫޢުތައް ހިންގަންވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަމަށް ވިދާޅުވެ، މި މަޝްރޫޢު މިގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”މި މަސައްކަތް ކުރަން އަދި ރެޒިޑެންސީ މަސައްކަތް ހިންގަން، އެ ޕްރޮގްރާމް ހިންގަން ރާއްޖޭގެ އުތުރުގައި ވެސް ދެކުނުގައި ވެސް އެބަ އޮތް ތަން މިތަނުގައި މިކަން ކޮށްފި ނަމަ ރާއްޖެ ހަލާކުވާނެ އަޅުގަނޑުމެންނަކަށެއް އެ ފުރުސަތެއް ނުދެވޭނެ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް