ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓު ފޮށި ޖަހައިގަނެގެން ލޯންޗެއްގައި ރަށުން ބޭރުކޮށްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މަރުކަޒުން ނެރެގެން ލޯންޗެއްގައި ރަށުން ބޭރަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރޭ، މި ހާދިސާ ހިނގާފައިވަނީ ވޯޓުލުމުގެ ކަންކަން ކުރިއަށްދަނިކޮށް، ދެ މީހަކު ވޯޓުލާ މަރުކަޒުގެ ތެރެއަށް ވަދެގަތުމަށް ފަހުގައެވެ. އެ ވަގުތު މަރުކަޒު ސަރަހައްދުގައި ގިނަ ބަޔަކު މަންޒަރު ބަލަން ތިއްބައި، އެ ދެ މީހުން ވަނީ ވޯޓު ފޮށި ހިފައިގެން ބޭރަށް ދުއްވައިގެންފައެވެ.
އެ މީހުން ފޮށި ހިފައިގެން ދިޔުމުން ފަހަތުން ބައެއް މީހުން ދުވި ނަމަވެސް، އެ ދެ މީހުން ވަނީ ފޮށްޓާއެކު އެ ރަށު ފަޅުގައި އޮތް ލޯންޗަކަށް އަރައި ފުރައިގެން ގޮސްފައެވެ. ވޯޓު ފޮށި ގެންދިޔަތަނެއް އަދި ސާފެއް ނުވެއެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ އެ ޕާޓީގެ އެކި ފަންތީގެ ގާތްގަނޑަކަށް 1،100 މަގާމަކަށް މީހުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބޮޑު އިންތިޚާބެކެވެ. އިންތިޚާބުގައި ގައުމީ މަޖިލީހުގެ މަގާމުތަކުގެ އިތުރުން، ގައުމީ މަޖިލީހުގައި ނުހިމެނޭ އެހެނިހެން ގިނަ މަގާމުތަކެއް ވެސް ކަނޑައެޅިގެންދާނެއެވެ.
ގައުމީ މަޖިލީހަށް ޖުމްލަ 359 މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 86 ކެންޑިޑޭޓަކު ވަނީ ވޯޓަކާ ނުލައި މަގާމު ކަށަވަރުކޮށްފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދަނީ ބާކީ އޮތް 273 މަގާމަށެވެ.
މި އިންތިޚާބުގެ ކެންޕެއިންގެ ތެރެއިންވެސް ފެނިގެން ދިޔައީ 'ބޮޑު ބަދަލު' އަދި 'ޓީމް އެމްޑީޕީ' ފެކްޝަނުގެ ވާދަވެރިކަމެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކާއި އަތޮޅުތަކުގައި ވެސް މި ދެ ފަރާތުގެ މެދުގައި ވާދަވެރިކަން ބޮޑެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް