އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ޅެންވެރިޔާ، ޑރ. އައްލާމާ މުޙައްމަދު އިޤްބާލްގެ ޙަޔާތްޕުޅާއި، ވިސްނުންފުޅު އަދި އަދަބީ ޚިދުމަތްތަކުގެ ހަނދާން އާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ހަރަކާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގެ އެންމެ ހާއްސަ އެއް ހަރަކާތެއްގެ ގޮތުން ކުރިއަށްދިޔައީ ދަރިވަރުންގެ މެދުގައި ބޭއްވުނު އިލްމީ ބަހުސެކެވެ. "އައްލާމާ އިޤްބާލްސް ލެގަސީ: އިންސްޕައިރިންގ ނޭޝަނަލް އައިޑެންޓިޓީ އޯ ޝޭޕިންގ ގްލޯބަލް ތޯޓްސް ފޮ ހިއުމާނިޓީ؟" މި މައުޟޫއަށް ކުރިއަށްދިޔަ މި ބަހުސްގައި، ޤައުމީ ވަންތަކަމާއި ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމަށް އިޤްބާލް ކުރެއްވި މަސައްކަތްޕުޅުތަކާއި، އިންސާނީ ކަރާމާތާއި މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ އެމަނިކުފާނުގެ ފަލްސަފާގެ މުހިންމުކަމާ މެދު ދަރިވަރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.
މި ބަހުސްގެ ތެރެއިން ބައިވެރިވި ދަރިވަރުން ވަނީ ކަންކަމާ މެދު ފުންކޮށް ވިސްނުމާއި، ދިރާސާކުރުމާއި، އަދި ތަފާތު ހިޔާލުތަކަށް އިހްތިރާމްކުރުމުގެ ޤާބިލުކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. މީގެ އިތުރުން، ތާރީހީ އަދި ފަލްސަފާވެރި ހިޔާލުތައް މިޒަމާނުގެ މައްސަލަތަކާ ގުޅުވައި، މިއަދުގެ ދުނިޔެއަށް އެ ވިސްނުންތައް މުހިންމުވާ މިންވަރު ވަޒަންކުރުމުގެ ފުރުސަތު މި ޕްލެޓްފޯމްގެ ސަބަބުން ދަރިވަރުންނަށް ލިބިގެންދިޔަކަމަށް އެމްއެންޔޫއިން ބުނެއެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން އިލްމީ ޝައުޤުވެރިކަން އުފެއްދުމާއި، ތަފާތު ސަގާފަތްތައް ދެނެގަނެ ބިނާކުރަނިވި މަޝްވަރާތަކަށް މަގުފަހިކުރުމުގެ މުހިންމުކަން މި ރަސްމިއްޔާތުން ފެނިގެން ވަނީ ގޮސްފައެވެ. އަދި ދަރިވަރުންނާއި ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުން އެއްތަނަކުން ބައްދަލުވެ ހިޔާލު ބަދަލުކުރުމުގެ ސަބަބުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ތައުލީމީ އަދި ސަޤާފީ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަމަށް ދެ ފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ.
މި ހަރަކާތަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލުކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ހަރަކާތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް