ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މި ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުالله ޝަރީފެވެ. އޭނާގެ މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރެވެ. މި ހުށަހެޅުން ފާސްވެގެން ދިޔައީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ހުށަހެޅުއްވި ސަބަބު ބަޔާންކުރައްވަމުން މެންބަރު ޝަރީފް ވިދާޅުވީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮންމެހެން ބޭނުންވާ ޚަރަދުތައް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާތީ ކަމަށެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
އަންނަ އަހަރު ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ (71.5 ޕަސެންޓް) ޚާއްޞަކޮށްފައިވަނީ ރިކަރަންޓް ނުވަތަ ހިންގުމުގެ ޚަރަދަށެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. މީގެ އިތުރުން ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އާމްދަނީގެ ގޮތުން ބަލާއިރު، ހިލޭ އެހީއާއެކު އަންނަ އަހަރު 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މިއަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 33.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
މުޅި ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް މިއަހަރުވެސް ޚާއްޞަކޮށްފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ (ބަޖެޓުގެ 17.6 ޕަސެންޓް) ކަނޑައަޅާފައިވެއެވެ.
ކޮމިޓީ މަރުހަލާ ނިމުމުން، ދެން މި ބަޖެޓު ފާސްކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހެޅިގެންދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް