އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ޖީއެސްޓީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ދެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ސަބް ކޮމިޓީން ނިންމި ގޮތަށެވެ.
އިންކަމް ޓެކްސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރުމުގައި އިންޓްރެސްޓް އުނިކުރެވޭނެ މިންގަނޑުތައް އަލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި ބަދަލުތަކަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.
އަދި މި އިޞްލާޙުގެ ސަބަބުން ދައުލަތަށް 496,300,302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންސަތޭކަ ހާސް ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މީގެއިތުރުން، ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ޖީއެސްޓީ ބިލުގެ މައިގަނޑު މަޤްޞަދަކީ، ޓެކުހަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. ހަމައެއާއެކު، ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދީ، ރާއްޖޭގެ އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައިވެސް މި ބިލު ނުހަނު މުހިންމު ކަމުގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް