މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަންގެ ބަޖެޓު ބޮޑުކުރަން އޭސީސީން އެދިއްޖެ
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާ ކަމަށް ބުނެ، މުވައްޒަފުންގެ މުސާރަ އާއި ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ކޮމިޝަނުގެ މުވައްޒަފުންނަކީ ނިސްބަތުން ވަރަށް ބުރަކޮށް އަދި ގިނަ ވަގުތު މަސައްކަތްކުރާ ބައެއް ނަމަވެސް، ބައެއް މުވައްޒަފުންގެ މުސާރަ މިހާރު ވެސް ހުރީ 2015 ވަނަ އަހަރަށް ވުރެ ދަށް ލެވެލްއެއްގައި ކަމަށެވެ.
"މުސާރަ ރަނގަޅުކުރެވިއްޖެ ނަމަ، މުވައްޒަފުން ތިބެ، ތަމްރީނުވެ، ގިނަ ދުވަހަށް ރަނގަޅު އިންވެސްޓަރުން އުފެދިގެންދާނެ،" ޝާމިލް ވިދާޅުވި އެވެ.

ޝާމިލް އިތުރަށް ވިދާޅުވީ، ފާއިތުވި ތިން އަހަރު އިންވެސްޓިގޭޝަނަށް 70 މިލިއަން ރުފިޔާ ހޭދަކުރިއިރު، ތަހުގީގުތައް ނިންމައި ދައުލަތަށް ގެއްލުނު 206 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ:
އަދި އެތައް މައްސަލައެއް ހުއްޓުވައި ދައުލަތުގެ ފައިސާ ރައްކާތެރިކޮށްދީފައިވާ އިރު، ހަރަދުކުރި ނިސްބަތަށް ވުރެ ބޮޑު ނަތީޖާއެއް ކޮމިޝަނުން ނެރެދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ނަމަވެސް، ކޯޓުތަކަށް ގޮސް އެ ފައިސާ ހޯދުމުގެ ގާނޫނީ ބާރު އޭސީސީއަށް ނޯންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ އެކޮމިޝަނުން އަންނަ އަހަރަށް ހުށަހެޅީ 53.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ބަޖެޓުގައި 6.4 މިލިއަން ރުފިޔާ އުނިކޮށް، ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޔުޓިލިޓީ އަދި ސާވިސް ހަރަދަށް ކަނޑާފައި، މަސްއޫލިއްޔަތުތައް އަދާކުރުމަށް، ކޮމިޝަންގެ ހަރަކާތްތައް ހިންގަން މި ލިބުނީ އެންމެ 1.2 މިލިއަން ރުފިޔާ. ކޮމިޝަނަށް ލިބުނު މުޅި ބަޖެޓަށް ބަލާއިރު %2 މި ލިބުނީ ދެން ހުރި ހަރަކާތްތައް ހިންގުމަށް،" ނިލްފާ ވިދާޅުވިއެވެ.
މި 1.2 މިލިއަން ރުފިޔާ ބެހިގެންދާ ގޮތް:
ތަހުގީގު ދަތުރުތަކަށް: 200،000 ރުފިޔާ
މުވައްޒަފުން ތަމްރީނުކުރުމަށް: 391،000 ރުފިޔާ
ބޭރުގެ މުއައްސަސާތަކާ ގުޅުން ބަދަހިކުރުމަށް: 371،000 ރުފިޔާ
ހޭލުންތެރިކަން އިތުރުކުރުމަށް: 100،000 ރުފިޔާ
ޕްރިވެންޝަން ހަރަކާތްތަކަށް: 100،000 ރުފިޔާ
މީގެ އިތުރުން، އަންނަ އަހަރު ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ޑިޕްލޮމާ ކޯހެއް ފެށުމަށް އެކޮމިޝަންގެ އެކަޑަމީން ތައްޔާރުވަމުން އަންނައިރު، ތަމްރީނުތަކަށް ކަނޑައެޅިފައިވާ ބަޖެޓު ކުޑަވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ބުނެ، ބަޖެޓު އިތުރުކޮށްދިނުމަށް އޭސީސީން ވަނީ މަޖިލީހުގައި އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް