އެމްޓީސީސީގެ ލީޑަރޝިޕް ކޮންފަރެންސް 2026 ބާއްވައި ލީޑަރޝިޕް ސެޓިފިކެޓް ޕްރޮގްރާމް އިފްތިތާޙްކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ލީޑަރޝިޕް ކޮންފަރެންސް 2026" ބާއްވައި، އެ ކުންފުނީގެ ލީޑަރުންނަށް ޚާއްޞަ ސެޓިފިކެޓް ޕްރޮގްރާމެއް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި އެމްޓީސީސީގެ އެކި ޑިޕާޓްމަންޓުތަކުން 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެފައިވެއެވެ.
"ލީޑިންގ ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިޢާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ ލީޑަރުންގެ މެދުގައި އައު ވިސްނުންތައް ހިއްސާކޮށް ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

ލީޑަރޝިޕް ސެޓިފިކެޓް ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
ޕްރޮގްރާމް އިފުތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޑީ ސަޢުދީ ވަނީ އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ. އެމްޓީސީސީއާ ހަވާލުވެފައިވާ ޤައުމީ ޒިންމާ ފުރިހަމައަށް އަދާކުރުމުގައި މުވައްޒަފުންގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އިސްނަގައިގެން އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާނެ ހީވާގި މުވައްޒަފުން ކުންފުންޏަށް ނުހަނު ބޭނުންވެފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކީނޯޓް ސްޕީކަރުންގެ ގޮތުގައި ޢަފީފް ޙުސައިން، ކޯއެން ޓޭން، ސިންތިއާ ޒާއީ އަދި ލަރީސާ މަރމަން ބައިވެރިވެވަޑައިގެން، ލީޑަރޝިޕާއި ޒަމާނީ ހިންގުންތެރިކަމާ ގުޅޭ ތަޖުރިބާ ހިއްސާކުރެއްވިއެވެ. އެ ބޭފުޅުންގެ ޚިދުމަތަށް އެމްޑީ ސަޢުދީ ވަނީ ޝުކުރު ދެންނެވިއެވެ.
އެމްޓީސީސީން ބުނީ ކުރިމަގުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފެންވަރުގެ ލީޑަރުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަސާސް ކަމަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިފަދަ ކޮންފަރެންސްތައް މެދުވެރިކޮށް މުވައްޒަފުންގެ ހުނަރު އިތުރުކޮށް ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ދެމެހެއްޓުމަށް އެމްޓީސީސީ ދެމިއޮންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް