އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު: ޚާއްސަކުރަނީ ދުނިޔެއަށް އަންނަ ބަދަލުތަކުގައި އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެންބަރު މަހުގެ 5 އިން 7 އަށް ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ކޮންފަރެންސް މި އަހަރު ޚާއްސަކުރަނީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށެވެ.
އެގޮތުން މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުން" ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތައް ކަމަށާއި، މި ބައި ކުރިއަށްދާނީ އެމްއެމްއޭގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށްދާނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި، ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ. އެގޮތުން، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުން
މާލީ ހަމަޖެހުން ގާއިމުކުރުން
އިސްލާމީ މާލީ ނިޒާމު
ޑިޖިޓަލް ފައިނޭންސް
އިގްތިސާދު ސިންދަފާތުކުރުން
މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ހޯދުން
އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް އެ އޮތޯރިޓީން ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ.
މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް ވެބްސައިޓް https://researchconference.mma.gov.mv/ އިން ލިބެން ހުންނާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް