ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިމަހު 28ގެ ނިޔަލަށް މާރުކޮށް ނިންމުމަށް ހަނދާންކޮށްދީފި
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާ އެއްގޮތަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ފައިސާ މާރުކޮށް ނިންމުމަށް މަރުކަޒީ ބޭންކުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި މިއަދު ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭރު ފައިސާއާ ބެހޭ ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެދޭކަމަށެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ބޭރު ފައިސާއިން އެ މަހަކު ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭނެއެވެ.
އެމްއެމްއޭއިން ބުނީ، ސުންގަޑި ހަމަވާއިރު ވެސް ޤާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރެވޭނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މިދިޔަ އޯގަސްޓު މަހު ގެނެވުނު އިސްލާހާ އެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ކުރިން ވެސް އެ ޤާނޫނުގައި އޮތް ގޮތަށް، ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޓޫރިޒަމްގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވާއިރު، އޭގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރެވެ. ނަމަވެސް އެ 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަނީ އެންމެ 21 އިންސައްތައެވެ.
ބޭރު ފައިސާގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަނީ އެންމެ 10 އިންސައްތަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކޮށް، ޑޮލަރުގެ ދަތިކަމަށް ދިގުދެމިހުންނަނިވި ހައްލެއް ހޯދުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް