ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް، ވީ ވަޢުދާއެެއްގޮތަށް މަސައްކަތް ނިންމާނަން: ރައީސް މުޢިއްޒު
މާލޭގެ ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، މިހާރު ތަރައްޤީކުރަމުންދާ ޤައުމީ ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް ނިންމަވައި ޙަވާލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސާފިންގ ސްޓޭޑިއަމްގެ މަސައްކަތް މިހާރު ކުރިއަށްދަނީ ބާރު ސްޕީޑުގައި ކަމަށެވެ.
އަދި މާލޭގެ ސާފިންގ ކޮމިއުނިޓީއަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ކުޅިވަރަށް ކޮންމެހެން ބޭނުންތެރި މި ވަސީލަތް ފުރިހަމަކޮށް އެ ފަރާތްތަކާ ޙަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެހެނިހެން ކުޅިވަރުތަކާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ވެސް މިހާރު ވަރަށް ބާރަށް، ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ޤާއިމުކުރާ މި ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށްޓަކައި، ކުރިން ބްރިޖް ބަލަން ބޭނުންކުރި ވިއުއިންގ ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފަށައިފައެވެ. އަދި މި ސްޓޭޑިއަމް އިމާރާތް ކުރުމުގެ ޑިޒައިނަށް ބަދަލު ގެނެސް، މިހާރު ނިންމާފައިވަނީ ކޮންކްރީޓް އޮނިގަނޑަކަށް އެތަން ތަރައްޤީ ކުރުމަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވަނީ ކުރިން ވިދާޅުވަފައެވެ.
ސާފިންގ ސްޓޭޑިއަމް އެންމެ ފުރަތަމަ އެޅުމަށް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަމިއްލަ ޚަރަދުގައި ކުރިއަށްގެންދާ ގޮތަށް އެ ކުންފުންޏާ މި މަސައްކަތް ޙަވާލުކުރި ނަމަވެސް، ތިން މަސް ފާއިތުވެގެން ދިޔައިރު ވެސް މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސިފައެއް ނުވެއެވެ. އޭގެ ސަބަބުން އެ ކުންފުނިން ވަނީ އެ މަސައްކަތް ދޫކޮށްލާފައެވެ.
މިހާރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ "އޮމެންޓޯ" އާ ޙަވާލުކޮށްގެންނެވެ. އެ ކުންފުނިން ވެސް މި ސްޓޭޑިއަމް ތަރައްޤީ ކުރަމުން އަންނަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް