ސަރުކާރުގެ ކުންފުނިތަކުން ލިބުނު ފައިދާ 61.3 އިންސައްތަ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާއަށް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ފައިދާގެ ކުރިއެރުމަކާއެކު، ހިނގަމުންދާ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 36.0 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސް.އޯ.އީ) ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނު 654.7 މިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރު އެ އަދަދު ވަނީ 61.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވި ހަފުތާގައި އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ދައުލަތަށް ދެއްކި 572.7 މިލިއަން ރުފިޔާގެ ފައިދާއެވެ.
ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 24.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 10.3 އިންސައްތައިގެ ކުރިއެރުމަކާއެކު 27.4 ބިލިއަން ރުފިޔާ ލިބިފައެވެ. މީގެ ތެރޭގައި ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް އެރިއިރު، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް ވަނީ 22.9 އިންސައްތަ އިތުރުވެ 6.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 13.5 އިންސައްތަ އިތުރުވެ 3.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީ ވަނީ 1.2 އިންސައްތަ ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14.9 އިންސައްތަ އިތުރުވެ، 39.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު (ރިކަރަންޓް ޚަރަދު) 15.4 އިންސައްތަ އިތުރުވެ 34.3 ބިލިއަން ރުފިޔާއަށް އެރިއިރު، މުސާރައާއި އިނާޔަތްތަކަށް ވަނީ 13.4 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ޚާއްޞަކޮށް ސަބްސިޑީއަށް ކުރި ހޭދަ 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގި ދާއިރާއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކާއި ކެޕިޓަލް ޚަރަދުތަކަށް 5.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޚަރަދުތައް އިތުރުވުމާ ގުޅިގެން، 12 ނޮވެމްބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ވަނީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. ނަމަވެސް، ދަރަންޏަށް ދައްކާ އިންޓްރެސްޓާއި ފައިނޭންސިންގ ޚަރަދުތައް ނުހިމަނައި ބަލާނަމަ، ދައުލަތަށް ވަނީ 360.0 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް