ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު
ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި އިންފްރާސްޓްރަކްޗަރާއި، އިއާދަކުރަނިވި ހަކަތަ އަދި އަސާސީ ޚިދުމަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް އަދިވެސް ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ފެށި "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލް ގުޅިފައިވަނީ ދިވެހިންގެ ތިމާވެށީގެ މުސްތަޤްބަލާ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި، ތަރައްޤީގެ އުންމީދުތަކާއި އަދި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކަނޑުތަކާއި ގުދުރަތީ ވަސީލަތްތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސްކަމަށް ވުމުން، އެ ވަސީލަތްތައް ހިމާޔަތްކުރުމަކީ އިޤްތިޞާދީ އަދި މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރުގެ ފޯރަމްގެ ޝިއާރެއްގެ ގޮތުގައި "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ކަނޑައަޅައި، މި މުހިންމު މަޝްވަރާތައް ބޭއްވުމަށް އިސްނެންގެވި ކަމަށްޓަކައި ޕެންޝަން އޮފީހަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮޕް31 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ތިން އިސްކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމީ މާލީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ އިތުރުން ވައުދުތައް އަމަލީ ގޮތުން ތަންފީޛުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރެވޭނީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރައެއް ނާންނާނެހެން މޫސުމީ ވިލުންތެރިކަން މާލީ އިސްތިރާޖުތަކުގެ ތެރޭގައި ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޒަރީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓާއި ބައިނަލްއަޤްވާމީ އެހީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދުމަށް 'ގްރީން ފައިނޭންސް' ނުހަނު މުހިންމު ކަމަށެވެ.
ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ތިމާވެށީގެ އިތުރުން އިޤްތިޞާދީ ގޮތުންވެސް އިސްކަންދޭ ކަމެއް. 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ފުއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކައި ވަރުގަދަ ބައިވެރިވުންތަކާއި ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ
ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން 'ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް' އަދި 'ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ' މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ގެ އޮނިގަނޑުގެ ދަށުން ހިންގާ 'ޕްރޮޖެކްޓް އައިލާ' އާއި، ރަސްމާލޭގެ 'މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް' ފަދަ ބޮޑެތި މަޝްރޫޢުތަކަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ހުޅުވިފައިވާ ރަނގަޅު ފުރުޞަތުތަކެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަށް މާލީ އިދާރާތަކާއި ވިޔަފާރިތަކުގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، މި މަސައްކަތްތަކުގެ އެންމެ ފަހުގެ ނަތީޖާއަކަށް ވާންވާނީ ރައްޔިތުންގެ ދިރިއުޅުން އާރާސްތުވެ، މާލީ އަދި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުވެގެން ދިއުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް