ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން
ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމަށް ވިދާޅުވެ ގާނޫނާއި ހިލާފަށް އިންވެސްޓް ކުރަން ރާއްޖެ ނާންނަން އެ ކުންފުންޏަށް ކުރީގެ ރައީސް ޔާމީން އަބްދުއްގައްޔޫމް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެެއްވީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ދިވެހީން ތިބިކަން ހާމަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި އޮތް އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދުބާއީގެ އިންވެސްޓަރުން އެ މީހުންނަށް ގެއްލުންވާ ގޮތަކަށް އިންވެސްޓް ނުކުރާނެ ކަމަށެވެ. ރަސްމާލެ މަޝްރޫއު ކަންކަމުގައި ދިވެހި ރައްޔިތުން ތިބިގޮތް އެ މީހުންނަށްވެސް ފެންނާނެ ކަމަށާ އެހެން ކަމުން ސަރުކާރުން ބޭނުންވިޔަސް އަވަސް އަރުވާލާފައި މި މަޝްރޫއު އެ ކުންފުނިން ފަށާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމުގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނަށް ވެެރިކަން ލިބިވަޑައިގެންފިނަމަ އެ ބިން އަތުލާނެ ކަމަށެވެ.
“ރައްޔިތުންގެ އިތުބާރާއެކީ އަޅުގަނޑަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރުމުގެ ފުރުސަތު ލިބިއްޖިއްޔާ، ހަމަ ޝައްކެއްވެސް ނެތް މި އަތުލާނަށް. މި ބިން މި މީހުން އަތުން އަތުލާނަން. މިއީ ޤާނޫނާ ޚިލާފަށް ދޭ ބިމެއް. އެހެންވީމާ މި ބިން ބާތިލުވާނެ ކޮންމެ ދުނިޔޭގެ ކޯޓަކަށް ދިޔަސް، އާބިޓްރޭޝަނަށް ދިޔަސް. އެހެންވީމަ މިއީ އަތުލެވޭނެ ބިމެއް،”ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް ދޭން އުޅެނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެކަން އެ ކުންފުނިންވެސް ދަންނަން ޖެހޭ ކަމަށާ އެހެން ކަމުން އެ ބިމުގައި ގާނޫނާއި ހިލާފަށް އިންވެސްޓްމަންޓް ފަށައިފިނަމަ އެތަން އަތުލާނީ ބަދަލު ދިނުމެއް ވެސް ނެތި ކަމަށެވެ.
"އަލައްބާރު އަޑު އަހާ. ޒަޔަނިސްޓުން އަޑު އަހާ. މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއްވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެން ދޭ ބިމެއް ނޫން،" ޔާމީނަ ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް